ދުނިޔެ

އިރާނުން ހަމަލާ ދީފިިނަމަ އެގައުމުގެ 52 ސަރަހައްދަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ޓްރަމްޕު ދެއްވައިފި

އީރާނުން އެމެރިކާއަށް ހަމަލާ ދީފިނަމަ އެގައުމުގެ 52 އަމާޒަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕު މިގޮތަށް އިންޒާރު ދީފައި މިވަނީ، މިދިޔަ ހުކުރު ދުވަހު ޓްރަމްޕުގެ އަމުރަކަށް އިރާގުގެ ބަޣުދާދަށް އެމެރިކާއިން ދިން ޑްރޯން މިސައިލް ހަމަލާއެއްގައި އީރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެ މަރުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފައިވާތީއެވެ.

އެގޮތުން ސުލައިމާނީގެ ޖަނާޒާއަށްފަހު އީރާނުން ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް އީރާނުގެ އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ ޖަމްކަރަން މިސްކިތުގައި ރަތް ދިދަ ނަގައިފައެވެ. ޝިއައީ މުސްލިމުން ރަތް ދިދަ ބޭނުން ކުރަނީ ނާއިންސާފުން ލޭ އޮހޮރުވުމާއި އެފަދަ އަމަލެއްކުރާ މީހެއްގެ ކިބައިން ބަދަލު ހިފުމަށެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާނާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެ، މެދު އިރުމަތީގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ޓްރަމްޕު ވިދާޅުވީ، އެމެރިކާގެ އެސެޓުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް އީރާނުން ވާހަކަދައްކަނީ ވަރަށް ކެރިގެން ކަމަށެވެ.

ނަމަވެސް އީރާނުގެ ވަރަށް ހައި ލެވެލް އަދި މުހިންމު ސަގާފީ ތަންތަން ހިމެނޭ ގޮތަށް 52 ތަނެއް އަމާޒަކަށް ހަދައި، އެތަންތަނަށް ވަރަށް އަވަހަށް އަދި ވަރަށް ބާރަށް ހަމަލާދޭނެ ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕު ވިދާޅުވި ގޮތުގައި، އެ 52 އަމާޒަކީ ނޮވެމްބަރު 1979 ވަނަ އަހަރު ތެހްރާންގައި ހުންނަ އެމެރިކާގެ އެމްބަސީގައި 444 ދުވަސް ވަންދެން ރަހީނުކޮށްގެން ގެންގުޅުނު 52 މީހުން ކަމަށެވެ.

ޓްރަމްޕު ކުރެއްވި އިތުރު ޓުވީޓުތަކެއްގައި ވިދާޅުވީ، އިރާނަށް ހަމަލާ ދިނީ އެމެރިކާއަށް ހަމަލާ ދިނުމުން ކަމަށާއި އަދި ދެވަނަ ފަހަރަށް ހަމަލާ ދީފިނަމަ، އެއަށްވުރެ ވަރުގަދަ އަދި މީގެ ކުރިން އީރާނަށް ނުދޭވަރުގެ ހަމަލާއެއް ދޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެމެރިކާއަށް ހަމަލާ ނުދިނުމަށް އީރާނަށް ނަސޭހަތްތެރި ވެފައިވެއެވެ.

އީރާނުގެ އެންމެ މަގުބޫލު ދެވަނަ ޝަހްޝިއްޔަތު، ސުލައިމާނީގެ ޖަނާޒާއަށްފަހު އިއްޔެ ހަވީރު އެމެރިކާގެ އެމްބަސީ ހުންނަ ބަޣުދާދުގެ ސަލާމަތީ ގޮތުން ވަރުގަދަ ގުރީން ޒޯނަށް އަމާޒުކޮށް ބަޔަކު ވަނީ ރޮކެޓް ހަމަލާއެއް ދީފައެވެ. އަދި ޖަދްރިޔާ ނެއިބަހުޑަށާއި އެމެރިކާގެ ސިފައިން ތިބި ކަމަށް ބެލެވޭ ބަލަދް އެއާ ބޭސް އަށް ވެސް އިތުރު ރޮކެޓް ހަމަލާތަކެއް ދީފައިވެއެވެ.

އެ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާއިރު، އެ ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ.