އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެންގުމަކަށް އިރާނަށް ދިން ހަމަލާގައި އެގައުމުގެ މިލިޓަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަވުމާ ގުޅިގެން މިއީ ތިންވަނަ ބޮޑު ހަނގުރާމައެއްގެ މަލަމަތި ކަމަށް ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ.
އެމެރިކާއިން އިރާގުގެ ވެރިރަށް ބަގުދާދުގެ އެއާޕޯޓަށް ދިން ޑްރޯން ހަމަލާގައި ސުލައިމާނީގެ އިތުރުން އިރާނުގެ މިލިޓަރީ ލީޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް އަވަހާރަވެފައިވާ ކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފައިވެއެވެ. އެ ނޫހުގައި ވާގޮތުންނަމަ އެ ހަމަލާގައި ޖުމްލަ 10 މީހަކު ވަނީ މަރުވެފައެވެ.
މި ހަމަލާއާ ގުޅިގެން އީރާނުން ޔޫއެންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާޖިދު ތަހްތު ރަވާންޗީ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ހަމަލާއަކީ "ހަނގުރާމަވެރި އަމަލެއް" ކަމަށެވެ. މާޖިދު ވިދާޅުވީ ސުލައިމާނީ އަވަހާރަ ކޮށްލައިގެން އެމެރިކާއިން ވަނީ އަސްކަރީ ހަނގުރާމައެއް ފަށާފައި ކަމަށެވެ. އަދި މިކަމާ ގުޅިގެން އިރާނުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މާޖިދު ވިދާޅުވިއެވެ.
އިރާނަށް ދިން މި ހަމަލާއާއެކު އެމެރިކާގެ އާންމުންގެ އެތައް ބަޔަކު އަންނަނީ މިއީ އެމެރިކާއިން ހަނގުރާމައަށް ދިން ދައުވަތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ގިނަބަޔަކު ވަނީ މިކަމާ ކަނބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އެމެރިކާއިން އިރާނަށް ދިން މި ހަމަލާއާ ގުޅިގެން އާންމުންނަށް މައުލޫމާތު ދީފައެވެ. އެގޮތުން ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޮމްޕިއޯ ވަނީ ސުލައިމާނީއަށް އަމާޒުކޮށް ހަމަލާ ދިނީ އެތައް ހާސް އެމެރިކާ ރައްޔިތުން މަރުވާނެ ވަރުގެ ހަމަލާއެއް ދިނުމަށް ސުލައިމާނީ ތައްޔާރުވަމުން އަންނާތީ ކަމަށް ވިދާޅުވެފައެވެ. އަދި ސުލައިމާނީގެ ގަތުލާއެކު ޔޫރަޕުގެ އެތައް ހާސް ރައްޔިތުންގެ ފުރާނަވެސް ސަލާމަތްވި ކަމަށް ޕޮމްޕިއޯ ވިދާޅުވިއެވެ.
ސުލައިމާނީގެ މަރާއެކު އިރާނުން އަންނަނީ އެގައުމުގައި ހިތާމަފާޅުކުރަމުންނެވެ. އެގޮތުން އިރާނުގެ ހުރިހާ އެމްބަސީއެއްގައި އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ އިރު، ސުލައިމާނީ އަދި މަހްދީގެ ޖަނާޒާގެ ކަންކަން ބަގުދާދުގައި ކުރުމަށް އެގައުމުން ތައްޔާރުވަމުން އަންނަ ކަމަށް ސީއެންއެން އިން ބުނެއެވެ. އަދި އީރާނުގެ މީޑިއާތަކުން ވަނީ ސުލައިމާނީ އަދި މަހްދީގެ ޖަނާޒާގައި ބައިވެރިވުމަށް އާންމުންގެ މީހުން ކަޅު ހެދުމުގައި އެގައުމުގެ މަގުތަކަށް ނުކުންނަމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ.
ސުލައިމާނީއަކީ 1998 ވަނަ އަހަރުން ފެށިގެން ގުދުސް ފޯސްގެ ކޮމާންޑަރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ. އީރާނުގައި މަގުބޫލު ސުލައިމާނީއަކީ އީރާނާއި އީރާގުގެ ހަނގުރާމައިގައި މުހިއްމު ރޯލެއް އަދާކުރައްވާ ބޭފުޅެކެވެ.