މެލޭޝިއާގައި އުސް އިމާރާތަކުން ވެއްޓި ދިވެހި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީ ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ވެއްޓިފައިވަނީ އުމުރުން ތިން އަހަރާއި ބައިގެ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާ ވެއްޓުނީ ޕެޓަލިން ޖާޔާގައި 23 ފަންގިފިލާއަށް ހަދާފައި ހުންނަ މައިސަން، އަރަ ދަމަންސަރަ ރެސިޑެންސް ކޮންޑޯގެ 14 ވަނަ ފަންގިފިލާއިންނެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ނުގުޅޭތީ، ކުއްޖާ އެ އިމާރާތުން ވެއްޓުނީ ކިހިނެއް ކަމެއް އަދި ނޭނގެއެވެ.
ނަމަވެސް އެ މައްސަލަ މެލޭޝިއާގެ ފުލުހުން ތަހުގީގު ކުރުމުގައި ހަރަކާތްތެރިވަމުންދާކަން ވަނީ އެނގިފައެވެ.