ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ރޭ އިރާކޮޅު ގެއްލުނު މީހާ އާއި ޑިންގީ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.
މި އެކްސިޑެންޓުގައި ޑިންގީން ދަތުރުކުރަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށާއި ގެއްލުނީ ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41އ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި ބ. ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި އެކްސިޑެންޓު ވެގެންނެވެ.
ޑިންގީގައި ދެން ތިބީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުން ލޯންޗަށް ނަގާފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.
ގެއްލުނު މީހާ އާއި ޑިންގީ ހޯދުމަށް އެ އެމްއެންޑީއެފާއި ފުލުހުންނާއި އެ ސަރަހައްދުގެ ރިސޯޓު ތަކުގެ އެހީގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ، ކަނޑުގެ ސާފޭސް ބެލުމާއި ނައިޓް ވިޝަން ކެމެރާގެ އެހީގައި ވެސް ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަސްރުﷲ އޭނާގެ އެކުވެރީންނާ އެކު ޑިންގީގައި ނުކުތީ މަސްވެރިކަން ކުރުމަށެވެ.