ދުނިޔޭގެ އީ-ކޮމާސްގެ މަޝްހޫރު ދެ ކުންފުނި އެމެޒޯން އަދި ވޮލްމާޓްއާ ވާދަކުރުމަށް އޭޝިއާގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާ، އިންޑިއާގެ މުކޭޝް އަންބާނީ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުކަން ކުރާ ރިލައެންސް އިންޑަސްޓްރީން އޮންލައިން ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފު ކޮށްފިއެވެ.
މުކޭޝް އަމްބާނީ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުކަން ކުރާ ރިލައެންސް އިންޑަސްޓްރީގެ 360 މިލިއަން މޯބައިލް ފޯން ކަސްޓަމަރުން ބޭނުންކޮށްގެން "ޖިއޯމާޓް"ގެ ނަމުގައި ފަށާފައިވަނީ އާ ގުރޮސަރީ ޑެލިވަރީގެ ހިދުމަތެކެވެ.
ރިލައަންސްގެ ދެ ސަބްސިޑަރީ ކުންފުނި، ރިލައަންސް ރީޓެއިލް އަދި ޓެލެކޮމް އޮޕަރޭޓަރު ރިލައެންސް ޖިއޯ އެއްކޮށްލައިގެން އުފެއްދި ޖޮއިންޓް ވެންޗާއަކުން އުފެއްދި އެ ހިދުމަތުން އެޕެއް ބޭނުންކޮށްގެން އާންމު ފިހާރަތަކާއި ކަސްޓަމަރުންނާ ގުޅުވާލަ ދޭނެއެވެ.
އެގޮތުން 50،000 އަށްވުރެ ގިނަ ކާނާގެ އައިޓަމްސް ހިލޭ އަދި އަވަސް ކަމާއެކު ޑެލިވެރީ ކޮށްދޭނެއެވެ.
އެ ހިދުމަތް މިވަގުތު ދޭން ފަށާފައިވަނީ އިންޑިއާގެ ހުޅަނގުގައި އޮންނަ މަހާރާޝްތުރާގެ ހިސާބުތަކަށެވެ. ނަމަވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިތުރު ސަރަހައްދުތަކަށް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ރިލައެންސުން ބުނެއެވެ.
އިންޑިއާގެ އީކޮމާސް މާކެޓް މިހާރު ޑޮމިނޭޓް ކުރަމުން އަންނަނީ އެމެޒޯން އަދި ވޮލްމާޓުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފްލިޕްކާޓު ޕްރައިވެޓް ލިމިޓެޑުންނެވެ. ނަމަވެސް އިންޑިއާގައި އެ ހިދުމަތް ބޭނުން ކުރަނީ އާބާދީގެ ގާތްގަނޑަކަށް 0.15 ޕަސެންޓެވެ.