ދުނިޔެ

އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްނުވެ ކުއްލި ހާލަތު އިއުލާން ކޮށްފި

މުހައްމަދު އައުޒަމް

އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި، އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްނުވެ ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބާރު ސްޕީޑެއްގައި ފެތުރެން ފެށުމާގުޅިގެން ލިބިދާނެ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށް އެގައުމުން ވަނީ ހަތް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އަލިފާން ރޯވަމުންދާ ސަރަހައްދުތަކުގެ ފިނިހޫނުމިން 40 ޑިގްރީއަށް އަރާފައިވާއިރު އެސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ނިއު ސައުތު ވޭލްސްގެ ފަޔަރ ޑިޕާޓްމަންޓުން ވަނީ އަންނަ ހޮނިހިރުގެ ކުރިން އެސަރަހައްދުން މީހުން ހުސްކުރަން އަންގާފައެވެ. އަދި ފަތުރުވެރިންވެސް އެހިސާބާ ކައިރި ހިސާބުތަކުގައިވެސް ނުތިބުމަށް ވަނީ އަންގާފައެވެ.

އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި އަލިފާން ރޯވަމުންދާތާ މަސްތަކެއް ވެފައި ވާއިރު ހޫނުގަދަވުމާއި ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދާކަމަށް ނިއު ސައުތު ވޭލްސްގެ ފަޔަރ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ނިއު ސައުތު ވޭލްސްގެ އެކި ހިސާބުތަކުން މިހާތަނަށް 1300އަށް ވުރެ ގިނަ ގެ ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާއިރު 442 ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއު ސައުތު ވޭލްސްއަށް ކުރިމަތިވެފައި މިވާ ކާރިސާގައި މިހާތަނަށް 17 މީހުން މަރުވެފައިވާކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން މައުލޫމާތު ދެއެެވެ.