ލާމަރުކަޒީ ނިޒާމް

މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ނުލައްވަން އަފްޝަން ނިންމަވައިފި

މަރިޔަމް ޝަހުދާ

މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ނުލައްވަން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ނިންމަފައިފި އެވެ.

އަފްޝަންގެ މި ނިންމުން އާންމުކޮށްފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

އަފްޝަން ވިދާޅުވީ އޭނާ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ މާލެ ސިޓީގެ ރައްޔިތުންނަށް ހިދުމަތް ކޮށްދީ، މާލެ ސިޓީއަކީ ހިތްފަސޭހަ ކަމާއެކު މީހުންނަށް އުޅެވޭނެ ތަނަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް ކުއްލި އާއިލީ ޒިންމާ ތަކަކާއި ގުޅިގެން އެ މަގާމަށް މިހާރު ކުރިމަތި ލެއްވެން ނެތް ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށާއި، ޕްރައިމަރީން ހޮވޭ މީހަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލުމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ހިމެނޭ އިރު، މާލެ ސިޓީ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާ ޕްރައިމަރީގެ ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ. އެގޮތުން މިހާރު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި ޝިިފާ މުހައްމަދާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފު އަދި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒު ވެސް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ.