އެމްއެންޑީއެފް

އެމްއެންޑީއެފުން ނެރުނު އެލާޓް އާންމު ހާލަތަށް ބަދަލުކޮށްފި

މަރިޔަމް ޝަހުދާ

މިދިޔަ މަހުގެ 24އިން ފެށިގެން މަތިކުރި، އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މިއަދުން ފެށިގެން އާންމު ހާލަތަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގެ ދިފާއީ ބާރު އާންމު ހާލަތަށް ގެނައީ މިއަދު ހެނދުނު 06:00 އިން ފެށިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ސިފައިންގެ އެލާޓް ލެވެލް އެއް ދަރަޖަ މަތިކޮށްފައި ވަނީ ކަނޑައެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތުރެޓެއް އޮވެގެން ނޫން ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ބުނެފައި ވެއެވެ. އަދި އެއީ ދުރާލައި ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

24 ޑިސެމްބަރުގައި އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފައިވަނީ "ޔެލޯ 2" އަށެވެ. ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫ އަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ގެންނަ އެލާޓެކެވެ.