ނިމިގެންދިޔަ 2019 ވަނަ އަހަރަކީ މުޅި ރާއްޖޭގައި ސުލްހަވެރިކަން ގާއިމުކުރެވުނު އަހަރެއް ކަމަށާއި ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށް ޖެހުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ އާ އަހަރުގެ ހިޠާބުގައި ވިދާޅުވީ 2019 ވަނަ އަހަރަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިހުތިރާމާއި ގަދަރު ރާއްޖެއަށް ލިބުނު އަހަރެއް ކަމަށާއި އިގުތިސާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެއް ކަމަށެވެ.
"ނިމިގެންދިޔަ 2019 ވަނަ އަހަރަކީ، اللهُ سُبْحَانَهُ وَتَعَالَى ގެ މަދަދާއި ހެޔޮ ތައުފީގާއެކު، މުޅި ރާއްޖޭގައި ސުލްހަވެރިކަން ގާއިމުކުރެވުނު އަހަރެކެވެ. ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، އާއިލީ އަދި އިޖުތިމާއީ ގުޅުންތަކުން މުޖުތަމައުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެކެވެ..،" ރައީސްގެ ހިޠާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ދެމިއޮންނާނީ ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް، ހަގީގަތަކަށް ހަދައިދިނުމުގައި ކަމަށާއި މިފެށުނު އަހަރުގެ ތެރޭގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިޖުތިމާއީ އަދާލަތު ގާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހަޔާތުން މުޅިން އާ އަހަރަކާ މި ކުރިމަތިލަނީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށާއި އެ ބަދަލުތަކުން ދެން ކުރިމަތިލާނީ ރައްޔިތުން ބާރުވެރިކުރުމުގެ މުޅިން އާ މަރުހަލާއަކާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މީގެ 16 ދުވަސް ކުރިން، އަޅުގަނޑު ތަސްދީގުކުރި ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލް މިހާރު އެވަނީ ގާނޫނަކަށް ވެފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމުން ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީވެގެން ދާނެއެވެ. ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްގީކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް އެކަން ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން ކައުންސިލްތަކަށް މިހާރު އެވަނީ ފުރިހަމަ މިނިވަންކަން ދެވިފައެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މުހިންމު ބަދަލުތަކާއެކު ތަރައްގީގެ ރާސްތާގައި، މުޅި ދިވެހި އުންމަތް ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި މިފެށުނު އަހަރުގައިވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަގާމެއްގައި ހުރި ކޮންމެ މީހަކުމެ، ގަދައަޅައި މަސައްކަތް ކުރަންވީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ގާނޫނުގެ ވެރިކަން ދަމަހައްޓައި، ސުލްހައާއި އަމާންކަމުގެ މާހައުލެއްގައި ތަރައްގީގެ މުޅިން އާ މަރުހަލާއަކަށް ރާއްޖެ ގެންގޮސްދިނުން ކަމަށެވެ.