ރައްޔިތުން އެދޭ ކަންކަން ހާސިލުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރު ވަރަށް މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވެރިކަމެއް އިންތިޚާބުވެގެން އައީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށާއި، އެހެންކަމުން، މިކަންކަން ހާސިލުކޮށްދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމްގައި ހިމެނޭ ކަންކަން ފުރިހަމަކުރުމުގައި ރައީސް އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވަންޖެހޭ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ.