ކުއްލި ޚަބަރު

ކުޅުދުއްފުށި، ސިޓީއަކަށް ހަދަން ރައީސް ނިންމަވައިފި

ހދ. ކުޅުއްދުއްފުއްޓަކީ ސިޓީއެއް ކަމުގައި ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެކަން އިއުލާން ކުރައްވައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުން ސިޓީއެއްގެ ކަމުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުުގެ ދަށުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އެކައުންސިލް ހިމެނޭރަށް ނުވަތަ ރަށްތަކުގައި ދިރިއުޅެ އާބާދީގެ އަދަދު 10،000 އަށް އެރުމުންނެވެ. ނަމަވެސް ގާނޫނީ ގޮތުން ރަށަކަށް ސިޓީގެ ދަރަޖަ ލިބޭނީ އެކަން ރައީސް އިއުލާނު ކުރެއްވުމުން ނެވެ.

ކުޅުދުއްފުށި ސިޓީއަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި ސިޓީއެއްގެ ދަރަޖަ ލިބޭ އަދަދަށް ކުޅުދުއްފުށީގެ އާބާދީ އަރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިހާރު ސިޓީ ދަރަޖަ ދީފައިވަނީ މާލެ އާއި އައްޑޫ އަދި ފޯއްމުލަކަށެވެ.