ކުއްލި ޚަބަރު

އަންނަ އަހަރުންފެށިގެން "ބޮޑު ޗުއްޓީ" ދެ ބަޔަކަށް ބަހާލަން އެޑިއުކޭޝަނުން ނިންމައިފި

މަރިޔަމް ޝަހުދާ

އަންނަ އަހަރުންފެށިގެން، ސްކޫލުގެ "ބޮޑު ޗުއްޓީ" އަށްލިބޭ ދުވަސްތައް ދެ ބަޔަކަށް ބަހާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އަހުމަދު އަލީ ވިދާޅުވީ އަންނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު ބޮޑު ޗުއްޓީ ދޭނީ ދެބަޔަކަށް ބަހާލައިގެން ކަމަށެވެ. އަދި މި ބަދަލާ ގުޅިގެން އެކަޑަމިކް ކަލަންޑަރުގެ އިތުރު އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގެންނަން ނިންމާފައިވާ މި ބަދަލާ ގުޅިގެން ނޫސްބަޔާނެއްވެސް ނެރެފައެވެ.

މި ނޫސްބަޔާނުގައި ވަނީ އަންނަ އަހަރުގެ ބޮޑު ޗުއްޓީގެ ފުރަތަމަ ބަޔަކީ 31 މެއި 2020 އިން 11 ޖޫން 2020 ކަމަށް ކަނޑައަޅައިފައެވެ. އަދި ބޮޑު ޗުއްޓީގެ ދެވަނަ ބަޔަކީ 6 ޑިސެމްބަރު 2020 އިން 7 ޖަނަވަރީ 2021 ކަމަށް ކަނޑައަޅައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ބާރުބޮޑު ދުވަސްވަރުކަމަށްވާއިރު، އެސިނާއަތުގައި މަސައްކަތް ކުރާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ މިހާރު ޗުއްޓީ އޮތް ގޮތުން އެ ސިނާއަތުގައި މަސައްކަތް ކުރާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.

އަދި ސްކޫލުގެ އަހަރީ ޗުއްޓީއަކީ އާއިލާއާއެކު ގުޅުން ބަދަހިކޮށް، އެކުގައި ވަގުތު ހޭދަކުރަން ލިބޭ ފުރުސަތަކަށް ވުމުން، މި ބަދަލާއެކު އެ ސިނާއަތުގައި މަސައްކަތް ކުރާ ބެލެނެވެރިންނަށް އެފުރުސަތު ލިބިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިސްޓްރީން ބުނީ މި ބަދަލާއެކު އޮފީސްތަކުން މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.