ބ. ކެންދޫއިން ރިޔަލު ދޯންޏެއްގައި އެކަނި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
މިއަދު ހަވީރު ގާތްގަނޑަކަށް 4:30 އެހާކަންހާއިރު އަލަށް ބަނދެފައިވާ ހަތް ވަރަކަށް ފޫޓު ދޯންޏެއްގައި ރިޔާ ނަގައިގެން އެ ދޯނި ޓެސްޓު ކޮށްލަން ވެގެން މާ ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔައީ އަބްދުﷲ އަލީ ނަމަކަށް ކިޔާ 39 އަހަރުގެ މީހެކެވެ. އަދި މިއަދު ހަވީރު 5:30 އާއި 6:00 ދޭތެރޭގައި ވެސް އޭނާ ރަށް ކައިރީގައި ފެނުނު ކަމަށް ރަށު މީހުންނާ ހަވާލާދީ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ކެންދޫ ކައުންސިލުގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ، އަބްދުﷲ އަލީ ފެނިފައިވަނީ އެރަށާއި ކައިރީގައި އޮންނަ ފަޅުރަށެއްކަމަށްވާ ކެޔޮދޫން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ.
އަބްދުﷲ އަލީ ހޯދުމުގެ މަސައްކަތުގައި އެރަށުގެ 12 ދޯންޏަކާއި ކައިރީ ރިސޯޓުތަކާއި ފުލުހުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ކެންދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.