މިއަދުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތި ކުރެވޭނެ ކަމަށާއި އެހެންކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް ރާއްޖޭގެ ގައުމީ ދިފައީ ބާރުން ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދު 7:00 އިން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެބަދަލާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށާއި އަދި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ގެންނަ އެލާޓެކެވެ.
ދިފާއީ ބާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަކަށްވީހިނދު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އެކަމުގައި ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށެވެ. އަދި ސިފައިންގެ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.