ބެންކޮކް

ބެންކޮކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެއްސަކަށް އައިސީޔޫގައި ފަރުވާދެނީ

ބެންކޮކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެއްސަކަށް އައިސީޔޫގައި ފަރުވާދާން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ބެންކޮކުގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ވީ ދެމީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެކަމުގައި އެހީތެރިވުމަށް ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުން ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ކާރު އެކްސިޑެންޓުވީ، ތައިލެންޑުގެ ސުވަރްނަބޫމީ އެއާޕޯޓުން، އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށް ކާރު ފުރޮޅާލައިގެންނެވެ.

"ވަން" އެނގިފައިވާ ގޮތުގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުން އަންނަނީ، އައްޑޫ ހުޅުދޫ، އަހުމަދު ސައީދު ނަމަކަށް ކިޔާ މީހަކަށެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ބޭންކޮކުގެ ރާމާ ހޮސްޕިޓަލުގަ އެވެ.

ފުރަތަމަ މައުލޫމާތު ލިބުނު ގޮތުގައި ސީރިއަސް ހާލަތުގައި ފަރުވާ ދެމުން އަންނަނީ ދެމީހުންނަށް ކަމަށް ވީ ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެއީ އެކަކު ކަމަށާއި އެމީހާގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދިނެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އެކްސިޑެންޓުވި މީހުންގެ ރައްޓެއްސަކު ދާދި ދެންމެ "ވަން އޮންލައިން" އަށް ބުނީ، ދަތުރު ކުރީ ތިން މީހުން ކަމަށާއި އެއީ ވިޔަފާރި ބޭނުމަށް ދިޔަ ބައެއް ކަމަށެވެ.

ސީރިއަސް ހާލަތުގައި އޮތް އަހުމަދު ސައީދުގެ ބޮލަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބި، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓުވި ކާރުގައި ދެން ތިބީ، އަބްދުﷲ ސަބާހު އަދި އަހުމަދު ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. އެ ދެމީހުންނަށް އަނިޔާވެފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.