މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ގައުމީ ފުރަތަމަ ބޮޑީބޯޑިން މުބާރާތުގެ ޗެމްޕިއަންކަން އަލީ ޚުސްރުވާން (ކުޑަ އައްޔަ) ހޯދައިފިއެވެ.
އެމްބީބީއޭ އިން ބޭއްވި ގައުމީ ބަނޑުފިލާ ޗެލެންޖަކީ، 2015 ވަނަ އަހަރު ގައުމީ އެސޯސިއޭޝަނަކަށް އެމްބީބީއޭ ބަދަލުވި ފަހުން ބޭއްވި ގައުމީ ފުރަތަމަ މުބާރާތެވެ.
މިމަހުގެ 10ގައި ގައުމީ ބަނޑުފިލާ ޗެލެންޖް ފެށުމަށް ކުރިން ތާވަލުކުރި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ މުބާރާތް ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ. މާލެ ސިޓީ ރާޅުގަނޑުގައި ބޭއްވި އެ މުބާރާތުގައި ނުވަ އަތޮޅެއްގެ 11 ރަށަކުން ޖުމްލަ 41 ބޮޑީބޯޑަރުން ވާދަކުރިއެވެ.
އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ވަނަވަނައަށް ހޮވުނު ބޮޑީބޯޑަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފައެވެ.
އެ މުބާރާތުގެ ފިރިހެނުންގެ ޕްރޯން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު ކުޑަ އައްޔައެވެ. މާލެ ސިޓީއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި ލ. ގަމަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އަލީ އާނިމް (ކިރިކާ)އާ ވާދަކޮށްގެންނެވެ. ކިރިކާއަށް އެ ޑިވިޝަންގެ ދެވަނަ ލިބުނު އިރު، ތިންވަނަ ލިބުނީ އުމުރުން 22 އަހަރުގެ އަހްމަދު ނަޒީމް (ލޯބި) އަށެވެ. އެ ޑިވިޝަނުގައި ޖުމްލަ 36 ބޮޑީބޯޑަރުން ވާދަކުރިއެވެ.
އެ މުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ފައިނަލު ހީޓުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދީ މާލެ ސިޓީއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ މުހައްމަދު ރީޝާން ރަޝީދެވެ. ފައިނަލް ހީޓުގައި އޭނާ ވާދަކުރީ މާލެ ސިޓީއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އަހުނަފް (ނަފްކޮ)އާ އެވެ. ނަފްކޮއަށް އެ ޑިވިޝަންގެ ދެވަނަ ލިބުނު އިރު، ތިންވަނަ ލިބުނީ އުމުރުން 17 އަހަރުގެ އިނާޝް ނައީމް (ޕިޒް) އަށެވެ. އެ ޑިވިޝަނުގައި ޖުމްލަ 16 ބޮޑީބޯޑަރުން ވާދަކުރި އިރު، އެ ޑިވިޝަންގައި ވާދަކުރި އެންމެ ޒުވާން ބޮޑީބޯޑަރަކީ ނ. ޅޮހިއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އިބްރާހިމް އަތޫފެވެ.