ދުނިޔެ

ޚަޝޯގީ މަރާލުމުގައި ބައިވެރިވި ފަސް މީހުން މެރުމަށް ކޯޓުން ހުކުމް ކޮށްފި

މުހައްމަދު އައުޒަމް

ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގައި ބައިވެރިވި ފަސް މީހުން މެރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

އަނިޔާވެރިކޮށް މަރާލަފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީގެ މަރުގެ ތަހުގީގު ނިންމައި އެ މަރުގައި ޝާމިލުވާކަމަށް ސާބިތުވި ފަސް މީހުން މެރުމަށް ސައޫދީ ކޯޓުން ހުކުމް ކޮށްފައިވާ އިރު، ޚަޝޯގީ މަރާލުމުގައި އަމަލީގޮތުން ބައިވެރިނުވި ނަމަވެސް މިކަމުގައި ޝާމިލުވާ އިތުރު ތިން މީހަކު 24 އަހަރަށް ޖަލަށްލުމަށްވެސް ސައުދީ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޚަޝޯގީގެ މަރުގެ ފަހަތުގައި ތުހުމަތުގެ އިނގިލި ދިގުކޮށްފައިވާ ސައުދީގެ ޕްރިންސް މުހައްމަދުގެ ބައިވެރިވުމެއް ނެތްކަމަށް ތަހުގީގުން ވަނީ ހާމަވެފައެވެ. އަދި ތަހުގީގަށް ހައްޔަރުކޮށްފައިވާ ޕްރިންސް މުހައްމަދުގެ އެޑްވައިޒަރު ވެސް ވަނީ ސާބިތުނުވާ ކަމަށް ނިންމައި ދޫކޮށްފައެވެ. ޚަޝޯގީގެ މަރުގެ މައްސަލައިގެ ތަހުގީގަށް 11 މީހަކު ހައްޔަރުކޮށް ސުވާލުކޮށްފައިވާ ކަމަށް ސައުދީ ޕްރޮސެކިއުޓާ އޮފީހުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ތުރުކީގައި ހުންނަ ސައޫދީގެ ކޮންސިއުލޭޓުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ޚަޝޯގީ އަނިޔާވެރިކޮށް މަރާލައި ހަށިގަނޑުގެ ބައިތައް ބުރިކުރުމަށްފަހު ތުރުކީގައި ހުންނަ ސައުދީ ކައުންސިލް ޖެނެރަލް ހުންނަވާ ގޭގެ ގޯތިތެރޭގައި ވަނީ ވަޅުލައިފައެވެ. ޚަޝޯގީގެ މަރު ތަހުގީގުކުރަމުންދިޔަ ތުރުކީ އޮފިޝަލުންނަށް ވަނީ ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ވަޅުލާފައިވާ ވަޅުގަނޑުން ނުރައްކާތެރި އެސިޑާއި ކެމިކަލްގެ އަސަރު ފެންނަން ހުރި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި ތުރުކީ ފުލުހުން ވަނީ ޚަޝޯގީގެ ހަށިގަނޑު ނައްތާލުމަށް އެސިޑާއި ނުރައްކާތެރި ކެމިކަލެއް ބޭނުންކޮށްފައިވާ ކަމަށް ޔަގީންވާ ކަމަށް ބުނެފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލަ ފެންމަތިވުމާއެކު ސައުދީން ފުރަތަމަ ވަނީ ޚަޝޯގީ މަރާލުމުގައި ސައުދީގެ އަތެއް ނުވާ ކަމަށް ދެއްކުމުގެ ގޮތުން އޭރު އެކިފަހަރު އެކި ވާހަކަ ދައްކައިފައެވެ. ސައުދީން ފުރަތަމަ ބުނެފައިވަނީ ޚަޝޯގީ ކޮންސުލޭޓުން ނުކުމެގެން ދިޔަ ކަމަށެވެ. ނަމަވެސް ތުރުކީން ޚަޝޯގީގެ މަރުގެ ތަހުގީގުގައި ބައިވެރިވި ހިސާބުން ސައުދީގެ ރާގު ބަދަލުވެ ފަހުން ވަނީ ޚަޝޯގީ މަރުވީ ކޮންސުލޭޓު ތެރޭގައި ހިނގި ޒުވާބެއް ހޫނުވުމުގެ ސަބަބުން ކަމަށް ބުނެފައެވެ. ތަހުގީގުން އެނގިފައިވާ ގޮތުން ޚަޝޯގީގެ މަރަކީ ކުރިން ރޭވިގެން ހިންގާފައިވާ ޖަރީމާއެކެވެ.

ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންދިޔަ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ ފަހުން ވަނީ އެމެރިކާގެ ހިމާޔަތް ހޯދައިފައެވެ.