ދުނިޔެ

ޚަޝޯގީ މަރާލީ ސައުދީ ޕްރިންސްގެ އޯޑަރަށް: ސީއައިއޭ

މުހައްމަދު އައުޒަމް

ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި ހާދިސާގެ ތަހުގީގުން ހާމަވާ ގޮތުން ޚަޝޯގީ މަރާލާފައި ވަނީ ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން ގެ ސީދާ އޯޑަރަށް ކަމަށް ސީއައިއޭއިން ބުނެފިއެވެ.

ސީއައިއޭގެ އޮފިޝަލަކު މައުލޫމަތު ދެމުން ބުނީ އެބޭފުޅުންގެ ތަހުގީގުގައި ތުރުކީން ފޯރުކޮށްދީފައިވާ އޯޑީއޯ އާއި ތަހުގީގު ތަކުން ހޯދިފައިވާ ހޯދުން ތަކާއި އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ބޭނުންކޮށްފައިވާ ކަމަށެވެ.

ސީއައިއޭގެ ތުހުމަތަށް ސައުދީން ވަނީ އިންކާރު ކޮށްފައެވެ. ސައުދީ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ ސީއައިއޭގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި މިފަދަ ބޮޑު މައްސަލައެއްގެ ތަހުގީގުގައި ބަލަންޖެހޭ ގިނަ ކަންތަކެއް ހުންނާނެ ކަމަށާއި ބޮޑުތަހުގީގެއް ނުކޮށް ނިންމުމެއް ނުނިންމޭނެ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސީއައިއޭގެ ތަހުގީގުގެ ރިޕޯޓުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނުވާކަމަށާއި ނަމަވެސް ސީއައިއޭގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މައުލޫމަތު ސާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތުރުކީގެ ރައީސް އުރުދޮގާން ވަނީ ޚަޝޯގީގެ މަރާގުޅޭ އޯޑިއޯ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ހިއްސާކުރައްވައިފަ އެވެ.

ޚަޝޯގީ މަރުގެ މައްސަލަ ސައުދީން ވެސް ތަހުގީގު ކުރަމުންދެއެވެ. ތުރުކީން ވެސް ސައޫދީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ އިރު ތުރުކީގެ އޮފިޝަލުން ވަނީ ޚަޝޯގީގެ ހަށިގަނޑު ނައްތާލުމަށް ކެމިކަލް އާއި އެސިޑް ބޭނުން ކޮށްފައިވާ ކަމަށް ބުނެފަ އެވެ.