އިބްރާހިމް ޒަކީ
އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސް އިން ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން ބުނީ މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ 25 ބުރީގެ އިމާރާތް އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި، ދަރުމަވަންތަ ކޮމްޕްލެކްސްގެ ގޮތުގައި ކަނޑައަޅައި އެތަނުން ހިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
އެތަނުން ހިދުމަތްދޭން ފެށިފަހުން އައިޖީއެމްއެޗުން ދެމުންގެންދިޔަ ބައެއް ހިދުމަތްތައް ވެސް އެތަނަށް ވަނީ ބަދަލު ކޮށްފައެވެ.
އެގޮތުން ފިޒިއޮތެރަޕީ އާއި އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، އާއި ކަށީގެ ބަލިތަކަށް ދޭ ފަރުވާގެ އިތުރުން ކުޑަކުދިންގެ ހާއްސަ ބަލިތަކާއި އެތެރެހަށީގެ ބަލިތަކާއި އެހެން ބައެއް ބަލިތަކަށްވެސް އެ އިމާރާތުން މިހާރުވަނީ ފަރުވާދޭން ފަށައިފައެވެ.