އިސްލާމިކް މިނިސްޓްރީ

ޙިޖާޒުގެ ޤާފިލާ 19

އަބްދުﷲ ފާރޫގް ހަސަން

(21 ޑިސެމްބަރުގެ އަދަދާ ގުޅޭ)

އެއްދުވަހެއްގެ މެންދުރެއްހައިއިރެވެ. ސަހަރާގެ އަވަށެއްގެ ބޭރުގައިހުރި ޚާނުގާހެއްގެ ދޮރުމަތީގައިހުރި ވަޅެއް ފެނިވަޑައިގަތުމުން حسّان އަސްމަތިން ފައިބައިވަޑައިގެންފިއެވެ. އޭނާ އެވަޅުން ފެން ނަންގަވައި އަހަށް ފެން ދެއްވައިފިއެވެ. އެއަށްފަހު ގޮވާންކޮތަޅު ފެނުން ތެންމަވައިފައި އަހުގެ އަނގަޔަށް ލައިދެއްވައިފައި އެތާހުރި ގަހެއްގައި އަސް ބަނދެލައްވައިފިއެވެ. އޭނާވެސް އަހުގެ ކައިރީގައި އިށީނދެވަޑައިގެންފިއެވެ. އިރުކޮޅެއްފަހުން އޭނާ އިންނެވީ ފައިންޕުޅު ދަންމަވައިލައްވައިގެން ގުގުރިދަންމަވާށެވެ. ދޯރެއް ހިފައިގެންތިބި ބަޔަކު ޚާނުގަހުގެ ދޮރުމަތިން ފެނިއްޖެއެވެ. އެބައިމީހުން ފެން ހިފައިގެން ދިޔަތާ އިރުކޮޅެއްފަހުން ނަޞާރާއިންގެ ރާހިބެއް ލަޓިގަނޑެއް ވިއްދަވަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އެއީ ޢުމުރުފުޅުން ދުވަސްވެފައި ހުންނެވި މުސްކުޅިއެކެވެ. އޭނާ حسّان ގެ އަރިހަށް ވަޑައިގެން ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ކަލޭ ނުކާނަންހެއްޔެވެ؟"

حسّان ޖަވާބުދެއްވިއެވެ. "އަޅުގަނޑު މިހިރީ އެންމެފަހުން ފުރި އަވަށުން ކައިގެންނެވެ."

"ފެން ގެނެސްދެން ހެއްޔެވެ؟"

"ނޫނެކެވެ. އަޅުގަނޑު ފެންބޮއިފީމެވެ. މިވަޅުގެ ފެން ވަރަށް މީރެވެ."

ރާހިބު ވަރަށް އެކުވެރި ގޮތަކަށް حسّان ގެ އަރިހުގައި އިށީނދެވަޑައިގެންފައި ވިދާޅުވިއެވެ. "ކަލޭ ތިޔައަންނަނީ ކޮންތަނަކުން ހެއްޔެވެ؟"

"އަޅުގަނޑު މިއަންނަނީ ޢިރާޤުންނެވެ. އަޅުގަނޑުގެ މާބެ އުޅުއްވަނީ ބަޙުރައިނުގައެވެ. އަޅުގަނޑުގެ އަސް ވަރުބަލިވުމުގެ ސަބަބުން އަރާމުކޮށްލަން އިރުކޮޅަކު މިތާގައި މަޑުކޮށްލީއެވެ."

"ޚުދު ކަލޭވެސް ތިޔަހަރީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. ކަލޭ މިތާގައި މަޑުކޮށްލަން ގަސްދުކުރާނަމަ ކަލެއަށް ހުރެވޭނެގޮތް ހަދައިދީފާނަމެވެ. އަހަރެންގެ ޚާނުގާހުގެ އާމްދަނީގެ ވަސީލަތްތައް މާގިނައެއް ނޫނެވެ. އެހެންނަމަވެސް މެހުމާނުންނަށްޓަކައި މިތާގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވައިލެވިފައެވެ."

"އަޅުގަނޑު ވަރަށްބޮޑަށް ޝުކުރުވެރިވަމެވެ. އަޅުގަނޑު ގަސްދުކޮށްފައިވަނީ އިރުއޮއްސުމުގެ ކުރިން އަދި ތަންކޮޅަކަށް ދަތުރުކޮށްލުމަށެވެ. ކޮންމެވެސް ދުވަހަކުން އަޅުގަނޑަށް އެނބުރި އާދެވޭގޮތް ވެއްޖެނަމަ ކަލޭގެފާނުގެ އަރިހުގައި މަޑުކުރާނަމެވެ."

ރާހިބު ވިދާޅުވިއެވެ. "ކަލޭގެ މޫނުމަތިން ފެންނަގޮތުގައި ކަލެއަކީ ކޮންމެވެސް ނުރައްކަލަކަށް ފިލަން ދަތުރުކުރާ މީހެކެވެ. ނުވަތަ ކޮންމެވެސް ހަނގުރާމައަކަށްދާ މީހެކެވެ."

حسّان ޖަވާބުދެއްވިއެވެ. "އަޅުގަނޑު މިހިރީ ޚުދު އަޅުގަނޑާ ކުރިމަތިވެފައިވާ ނުރައްކާ އެތަކެއް ކޯހެއްގެ ފަހަތަށް ދޫކޮށްފައެވެ. ނަމަވެސް އަޅުގަނޑުގެ ކޮއްކޮވީ އެތާނގައެވެ. ހިތްހެޔޮ އީރާނުމީހެއްގެ ޙިމާޔަތުގައެވެ. އޭނާ ހައްޔަރުވެއްޖެނަމަ އަޅުގަނޑުމެންގެ އީރާނީވެރިޔާ އޭނާއަށް ކޮންމެފަދަ އަދަބެއް ދެއްވާކަށްވެސް ފަސްޖެހިވަޑައެއް ނުގަންނަވާނެއެވެ!"

ރާހިބު ޖަވާބުދެއްވިއެވެ. "ކަލެއަކީ ޢިރާޤުގެ ޢަރަބި ޤަބީލާއެއްގެ މީހެއްކަމުގައިވާނަމަ ކަލެއަށް ކުރިމަތިވެފައިވާ މައްސަލަތައް އަހަންނަށް ރަނގަޅަށް ވިސްނެއެވެ. ނަމަވެސް މިހާރު ޒަމާން މިދަނީ ވަރަށް ހަލުއިކަމާއެކު ބަދަލުވަމުންނެވެ. ފާރިސްކަރައާއި ޝާމްކަރައިގެ ސަރަޙައްދުގައި ދިރިއުޅޭ ޢަރަބި ޤަބީލާތައް ކިސްރާއާއި ޤައިޞަރުގެ އަޅުވެތިކަމުގެ ކަސްތޮޅުތައް ފުނޑުފުނޑުކޮށްފައި އުކާލާނެ ދުވަސް މާދުރެއް ނޫނެވެ. ކަލެއަކީ އަނިޔާ ލިބިފައިވާ އާރެއްބާރެއްނެތް މީހަކު ކަމުގައިވާނަމަ އަހަރެން ކަލެއަށް އުފާވެރިކަމުގެ ޚަބަރުދެމެވެ. އަނިޔާވެރީންގެ ހިސާބު ބެލެވޭނެ ދުވަސް ފެށޭން އެބައުޅެއެވެ."

حسّان ވިދާޅުވިއެވެ. "އަޅުގަނޑުގެ ގެވަނީ އަޅިފުންޏަކަށް ވެފައެވެ. ބައްޕަޔާއި ބޭބެވަނީ ޤަތުލުކޮށްލެވިފައެވެ. އަންހެން ކޮއްކޮ އޭނާގެ އަބުރު ސަލާމަތްކުރުމަށްޓަކައި ގެއެއްގެ ފުރާޅުމަތިން ފުންމައިލައިގެންވަނީ މަރުވެފައެވެ. އެވަޒަނެއްގެ މިނިވަންކަމާއި ޢިއްޒަތާއި ޝަރަފަށްޓަކައި އަޅުގަނޑު ކަނޑިއުފުލި ވަޒަނުގެ ބިމުގައި އަޅުގަނޑު ބޯހިޔާކޮށްލާނެ ތަންފުކެއްވެސް ނެތެވެ. އެހެންވީއިރު އެމިނިކާވަގުގެ ޚަޞީލަތް ލިބިފައިވާ މީހުންގެ މިޒާޖު އެއްވެސް އިންޤިލާބަކުން ބަދަލުވާނެކަމަކަށެއް އަޅުގަނޑު ޤަބޫލެއް ނުކުރާނަމެވެ. އެބައިމީހުން ދެކޭގޮތުގައި އަޅުގަނޑުމެންގެ އަވަށްތަކަކީ އެބައިމީހުން ޝިކާރަކުރާ ތަނެކެވެ. އަޅުގަނޑުގެ ވަޒަނުގައި އަޅުގަނޑުގެ ކުރިމަތީގައި އޮތީ ދެގޮތެވެ. އެއްގޮތަކީ އަޅުގަނޑުގެ އަމިއްލަ ނަފްސު އެރަޙުމެއްނެތް ދުޝްމިނުންނާ ޙަވާލުކުރުމެވެ. އަނެއްގޮތަކީ ކޮންމެވެސްގޮތަކުން ދިރިހުރުމެވެ. ބަދަލުހިފުމަށްޓަކައި އެކަށޭނަ ދަނޑިވަޅަކަށް އިންތިޒާރު ކުރުމެވެ."

ރާހިބު ވިދާޅުވިއެވެ. "އަނިޔާވެރީންގެ މަދުބަޔަކު ހަލާކުވެދިޔުމުން އަނިޔާވެރިކަން ހުއްޓުވޭނެނަމަ އެއީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް އަހަންނަށް އިޙްސާސްކުރެވޭގޮތުގައި ޖަންގަލިވަނީ ކަށިގަސްތަކުން ފުރިފައެވެ. އެތަނުން ދެތިން ހަތަރު ކައްޓެއް ބިންދައިލުމަކުން އަންނާނެ ތަފާތެއް ނެތެވެ. ކަލޭ ޤަތުލުކޮށްލާ ކޮންމެ އަނިޔާވެރިއެއްގެ މަގާމު ފުރަން އަނިޔާވެރީންގެ އެތައްބަޔަކު ތައްޔާރަށް އެބަތިއްބެވެ. ކުރީގެ މިނިކާވަގުތަކަށްވުރެ އަލަށްއަންނަ މިނިކާވަގުތައް މާބޮޑަށް ލެޔަށް ދަހިވެތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިންސާނިއްޔަތަށް އާއަލިކަމެއް ބޭނުންވެފައިވާކަން ކަލޭ އިޙްސާސެއް ނުކުރަމުހެއްޔެވެ؟ ކަންބަޅިއާއި މިނިކާވަގުގެ މިދުނިޔެވަނީ އަނިޔާލިބޭ ކޮންމެ މީހަކަށް ޙިމާޔަތްދެވޭނެ ނިޒާމަކަށް ބޭނުންވެފައެވެ."

حسّان ހިތި ހިނިތުންވެވަޑައިގަތުމަކާއެކު މުސްކުޅި ރާހިބާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލޭގެފާނުގެ ބޭނުންފުޅަކީ އަޅުގަނޑަށް ޢީސާއީ ދީނަށް ގޮވައިލެއްވުންކަމުގައިވާނަމަ ވެވަޑައިގަންނަވާނީ މާޔޫސެވެ. އަޅުގަނޑު އެތައް އަހަރެއްވަންދެން ރޫމީންގެ ޖަލުގައި ހުރީމެވެ. ކިސްރާގެ އަޅުންނަށްވުރެ ޤައިޞަރުގެ އަޅުންގެ ނަސީބު ރަނގަޅެއްނޫންކަން އަޅުގަނޑަށްވަނީ ލޮލުންދެކެ އަތުން ހިފިފައެވެ."

ރާހިބު ޖަވާބުދެއްވިއެވެ. "އާއަލިކަމެކޭ ބުނުމުގައި އަހަރެންގެ މަޤްޞަދަކީ އެދީނެއްގެ ހަމަތަކާއި ޤަވާޢިދުތައް ޤައިޞަރުގެ ހިތުގެ އެދުންތަކަށް ތަބާވެފައިވާ ދީނެއްގެ ވާހަކައެއް ނޫނެވެ. އަހަރެން ޤަބޫލުކުރަމެވެ. އެޤާނޫނެއްގެ އަސްލު މަޤްޞަދަކީ ރަސްރަސްކަލުންގެ ވެރިކަން ޙިމާޔަތްކުރުންކަމުގައި ހިމެނޭ އެއްވެސް ޤާނޫނަކީ ދުނިޔެއަށް އަމާންކަމާއި ޢަދްލުއިންޞާފު ގެނެސްދެވޭނެ ޤާނޫނެއް ނޫނެވެ. ސާހިބުންނާއި އަޅުންގެ މައްޗަށް އެކުލެވިފައިވާ މިދުނިޔޭގައި ޢުމުރުގެ ފަސްދޮޅަސް އަހަރު ވޭތިކުރުމަށްފަހު އަހަންނަށް ވިސްނުނުގޮތުގައި މިދުނިޔޭގައި އެއްއިންސާނެއްގެ މައްޗަށް އަނެއް އިންސާނަކަށް މަތިވެރިކަން ލިބިގެންވާހައި ހިނދަކު އަހަރެމެންނަށް އަނިޔާއާއި ބިރުވެރިކަމުގެ ތެރޭގައި ގަނަތެޅެން ޖެހޭނެއެވެ. ޝަހެންޝާހިއްޔަތަކީ ޤައިޞަރުގެ ގަނޑުވަރުތަކުން ފާޅުވިކަމުގައިވިޔަސް ނުވަތަ ކިސްރާގެ ތަޚުތުގެ ޒީނަތެއްކަމުގައި ހިމެނުނުކަމުގައިވިޔަސް ކަނޑައެޅިގެންހުރި ލަޢުނަތެކެވެ. ޢަދްލުއިންޞާފާއި އަމްނުއަމާންކަމަށް ގޮވައިލާ ގޮވައިލުންތައް ފުރިހަމަވާނީ ގަދަފަދަ މީހުންނާއި ބަލިކަށި މީހުން ދެރަމީހުންނާއި މޮޅުމީހުން ފަޤީރުންނާއި މުއްސަނދީންގެ ތަފާތުތައް ނައްތައިލާ ޤާނޫނެއްގެ ސިޔާދަތު ޤާއިމުވެގެންނެވެ."

حسّان ވިދާޅުވިއެވެ. "ކަލޭގެފާނު ތިޔަ ވިސްނައިވަޑައިގަންނަވާފަދަ ޤާނޫނެއް އެބޭފުޅުންގެ ރަސްކަމުގެ މައްޗަށް ހިންގުނަދެއްވަން ކިސްރާއާއި ޤައިޞަރު ޤަބޫލުކުރައްވާނީ ކިހިނަކުންތޯއެވެ؟"

ރާހިބު ޖަވާބުދިނެވެ. "ކިސްރާއާއި ޤައިޞަރު އެބޭފުޅުންގެ އަމިއްލަ އެދުންތަކާއި އެބޭފުޅުންގެ ޖަންގަލީގެ ޤާނޫނުތަކުގެ މައްޗަށް އެހެން އެއްވެސް ޤާނޫނެއް ހިންގޭކަށެއް ޤަބޫލުފުޅެއް ނުވާނެއެވެ. ނަމަވެސް އަހަރެމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެއީ އެކަލާނގެ އަމުރުފުޅަށް ރޭގަނޑުގެ އަދިރިކަން ދުވާލުގެ އަލިކަމަށް ބަދަލުވާ ރަސްކަލާނގެއެވެ. އެކަލާނގެ އަޅުތަކުންގެ ޙާލާމެދު އެކަލާނގެ ޣާފިލުވެވޮޑިގެނެއް ނުވެއެވެ. ޢިރާޤުގެ ބިން ކަލެއަށްޓަކައި ދަތިވެއްޖެކަމަށާއި، ކަލޭ ބަޙްރައިނަށް ދާ ވާހަކަ ކަލޭ ބުނީމު ނޫންހެއްޔެވެ؟"

"އާދޭހެވެ."

"އެހެންވީއިރު ކަލެއަށް އެއަލިކަން ފެނިދާނެއެވެ."

"މަޢާފުކުރައްވާށެވެ! އަޅުގަނޑަކަށް ތިޔަވިދާޅުވި ވާހަކަފުޅެއް ނުވިސްނުނެވެ."

"އަލިކަން ދުށުމަށްޓަކައި ބޭނުންވާނީ ތިމާގެލޯ ހުޅުވައިލުމެވެ. އަހަންނަށް ޔަޤީނެވެ. ކަލެއަށް ސަލާމަތުގެ މަގު ދައްކައިދޭނެ މީހުން ބަޙްރައިނުން ކަލެއަށް ފެންނާނެއެވެ. އެމީހުންނަކީ އަޅުންނާއި ސާހިބުންގެ ބަލިކަށިމީހުންނާއި ގަދަފަދަމީހުންގެ، ޢަރަބީންނާއި ޢަޖަމީންގެ ތަފާތު ނައްތައިލި ދީނަށް ތަބާވާ މީހުންނެވެ. ކަލޭ ތިޔަހަރީ ކަލޭގެ މިއަދުގެ ޙާލަތާމެދު މާޔޫސްވެފައެވެ. އެބައިމީހުން ކަލެއަށް މުސްތަޤްބަލުގެ އުޖާލާކަން ދައްކައިދޭނެއެވެ. ކަލޭ ތިޔަ ދުވަނީ އަނިޔާއަށް ފިލަންވެގެންނެވެ. އެބައިމީހުން އަނިޔާގެ ކުރިމަތީގައި މޭ އައްޑަނަޔަކަށް ހަދަން ކަލެއަށް ދަސްކޮށްދޭނެއެވެ. މިތާގައި ކަލޭ ތިޔަހަރީ އެކަންޏެވެ. އެތަނަށް ދިއުމަށްފަހު ކަލެއަށް އިޙްސާސްވާނީ މަތިވެރި ބޮޑު ޤާފިލާއެއް، ކަލެއަށް އިންތިޒާރުކުރާކަމެވެ. އެޤާފިލާއާއެކު ދަތުރުކުރަމުންދާއިރު ކަލެއަށް ތަޖުރިބާކުރެވޭނީ މާތް اللّـه ގެ ނަޞްރާއި ތައުފީޤު ކަލެޔާއެކުގައި ވާކަމެވެ."

"ކަލޭގެފާނު ތިޔަދައްކަވަނީ ޢަރަބީންގެ އާ ދީނުގެ ވާހަކަތޯއެވެ؟"

"އާނއެކެވެ. އަހަރެން މިދައްކަނީ އެދީނުގެ ވާހަކައެވެ. އެއީ މިދުނިޔޭގައި އަނިޔާލިބި ގޮތްހުސްވެފައިތިބި މީހުންގެ އެންމެފަހުގެ އެހީތެރިޔާއެވެ. ކަލޭގެ ނަސީބު ރަނގަޅެވެ. ކަލެއަކީ ޒުވާނަކީމުއެވެ. އެޤާފިލާއާއެކު ކަލެއަށް ދަތުރުކުރެވިދާނެއެވެ. އެބައިމީހުންގެ މަންޒިލްވަނީ ދިޖުލަތު ކޯރާއި ފުރާތުކޯރަށްވުރެވެސް މާދުރުގައެވެ. މިޢުމުރުގައި އަހަންނަށް އުންމީދުކުރެވޭނީ އެޤާފިލާ ދަތުރުކޮށްފައިދާ މަގުގެ ހިރަފުސް ދުށުމަށެވެ."

حسّان ހިސާބަކަށް ވިސްނައިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑަކީ ޚުސްރޫޕަރުވޭޒުގެ ލަޝްކަރުގެ ސިފައިންގެ މީހަކީމެވެ. އަރްމިޔާހު ހަނގުރާމައަށްފަހު ރޫމީން އަޅުގަނޑު ހައްޔަރުކުރީއެވެ. އަޅުގަނޑު ހައްޔަރުވެފައިހުރި ދިގުދުވަސްތަކުގެ ތެރޭގައި ބޭރުދުނިޔޭގެ ޚަބަރުތަކެއް ނުލިބެއެވެ. ރޫމީންގެ ނަވުން ފިލުމަށްފަހު އަޅުގަނޑު ރަށަށްއައި މަގުމަތީގައި ދިމާވި ބައެއްމީހުންގެ ފަރާތުން ޢަރަބިކަރައިގެ ތާޒާ ޚަބަރުތައް ކޮންމެވެސްވަރަކަށް ލިބުނެވެ. ރޫމީންގެ ސަރަޙައްދަށް މުސްލިމުން ކާމިޔާބު ޙަމަލަތަކެއް ދިން ވާހަކަ އެބައިމީހުންގެ ފަރާތުން އިވުމުން އަޅުގަނޑަކަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އޭގެފަހުން އެއްރެއަކު އަޅުގަނޑު ރާހިބެއްގެ ގާތުގައި މަޑުކުރީމެވެ. އޭނާ ވިދާޅުވިގޮތުގައި ޢަރަބީންގެ ތެރޭގައި އައުރޫޙެއް ފުމެލެއްވި ނަބިއްޔާ ސުވަރުގެވަޑައިގެންފިއެވެ. އެއާ ވިދިގެން އެތަކެއް ޤަބީލާތަކެއް އިސްލާމްދީން ދޫކޮށްލައިފިއެވެ. އެބައިމީހުން އެކަތިގަނޑަކަށްވުމުން މުސްލިމުންނަށް ޖެހޭނީ އެކިދިމަދިމާއިން ފަހަތަށްޖެހި ޔަޘްރިބުގެ ވާދީގައި ފިލައިތިބޭށެވެ. ބަޣާވަތްކޮށްގެން އުޅޭ ޤަބީލާތައް މުސްލިމުން ވަށައިލައި ހަތަރުފަރާތުން ޙަމަލަދިނުމުން އެބައިމީހުންނަށް އެންމެ ދުވަހަކުވެސް ހިފަހައްޓައެއް ނުލެވޭނެއެވެ. ޝާމްކަރައިގެ ސަހަރާގެ ތެރެއިން އައިއިރު ތަމީމްވަންހައާއި ޔަމާމާގެ އަހުލުވެރީންގެ ބަޣާވަތުގެ ޚަބަރުވެސް ލިބުނެވެ. ދުވަސްކޮޅެއްގެފަހުން ބައްދަލުވި ބަދަވީއެއްގެ ފަރާތުން ތަމީމްވަންހައިގެ މީހުން ބަލިވި ޚަބަރު ލިބުނެވެ. ނަމަވެސް ޔަމާމާގެ ބާޣީ ޤަބީލާތަކުގެ ވަރަށްބޮޑު ލަޝްކަރެއް އެބައޮތެވެ. ބަޙްރައިނުގެ އަހުލުވެރީންވެސް ބަޣާވަތްކޮށްފިއެވެ. ކަންމިހެން ހުރިއިރު މުސްލިމުންނަށް ސަލާމަތްވެވޭނީ މުޢުޖިޒާއަކުންނެވެ."

މުސްކުޅި ރާހިބު حسّان އާ ހަތަރުކަޅި ހަމަކުރައްވައިފައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ބަޙްރައިނަށް ދިއުމުން ކަލެއަށް ވަރަށްގިނަ މުޢުޖިޒާތަކެއް ފެންނާނެއެވެ. ޔަމަންގެ ދިގާއި ހުރަހުން ބާޣީންގެ ދިދަތައް އެކޮޅުކޮޅުން ޖެހިއްޖެއެވެ. ޔަމާމާގެ ސާޅީސްހާސް ބާޣީންގެ ބޮޑު ލަޝްކަރު ކަފާސްވެއްޖެއެވެ. ނަބީކަމަށް ދަޢުވާކޮށްގެން އުޅުނު މުސައިލަމާ ޤަތުލުވެއްޖެއެވެ. ބަޙްރައިނުގައި އިސްލާމްދީންމަތީ ސާބިތުވެތިބި މީހުންގެ ޢަދަދު ބާޣީންގެ ޢަދަދަށްވުރެ މާމަދެވެ. ނަމަވެސް ޔަމާމާ އާ ހަމައަށް އައިސްފައިވާ އިސްލާމީ ލަޝްކަރު ބަޙުރައިނުގެ މުސްލިމުން ބާޣީންގެ އަތްމައްޗަށް ދޫކޮށްލައިފައި އެނބުރި ހިނގައިދާނެކަމަށް އަހަރެމެން ހީކުރާކަށެއް ނުވާނެއެވެ. ބަޙުރައިނުން އިސްލާމްދީނާ ދެކޮޅަށް ބަޣާވަތްކޮށްގެން އުޅޭ ޤަބީލާތަކަކީ ޢަރަބީންގެ ތެރެއިން މުރުތައްދުވި އެހެނިހެން ޤަބީލާތަކަށްވުރެ ބާރުހުރި ބައެއްނޫނެވެ."

(ނުނިމޭ)