އެންޓި ކޮރަޕްޝަން ކޮމިޝަން

ސަރުކާރުން ބަދަލުދީފައިވާ ނުވަ މައްސަލައެއް އޭސީސީން ތަހުގީގު ކުރަނީ

މަރިޔަމް ޝަހުދާ

1

އެކި ކުންފުނިތަކުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ގާނޫނާއި ހިލާފަށް އުވާލާފައިވާ ކަމަށް ބުނެ ބަދަލު ދިން ނުވަ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ތަހުގީގު ކުރަން ފަށައިފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސެޓެލްމަންޓްގެ ނުވަ މައްސަލައެއް އޭސީސީން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަތަކާއި ގުޅުން ހުރި ހުރިހާ ލިޔެކިއުންތަކެއް ހޯދައި، އެ ލިޔެކިއުންތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭސީސީން ބުނެއެވެ.

ނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފުސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ. އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަތަކުގެ ލިޔެކިޔުންތައް ދިރާސާ ކުރަމުން އަންނަކަން ކަށަވަރު ކޮށްދިނުމުގެ އިތުރަށް އެހެން މައުލޫމާތެއް މިވަގުތަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުން ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ ޖެނުއަރީ މަހު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައި ވެއެވެ. މިހާތަނަށް ހަތް ފަރާތަކަށް ބަދަލު ދިނުމަށް އެކޮމިޓީން ނިންމާފައި ވެއެވެ. އޭގ ތެރޭގައި ނޫމަޑިއަށް 55 މިލިއަން ޑޮލަރު، ދީބާޖާ އަށް 174 މިލިއަން ރުފިޔާ، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް އަށް 130 މިލިއަން ރުފިޔާ، އެމްއާރުޑީސީ އުވާލުމާއި ގުޅިގެން 26.1 މިލިއަން ރުފިޔާ، މެލޭޝިއާގެ ނެކްސްބިޒަށް 280 މިލިއަން ރުފިޔާ، ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ، ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ސީލައިފުން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުން ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟