ނަރެންދްރާ މޯދީ

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މޯދީ ފުރާވަޑައިގެންފި

އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރާވަޑައިގެންފިއެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގެންނެވީ ވެސް ރަސްމިއްޔާތު ފެށެން ކުޑަތަން ވެފައިވަނިކޮށެވެ. މޯދީ އެނބުރި އިންޑިއާއަށް ފުރާވަޑައިގެންނެވީ އެ ރަސްމިއްޔާތަށް ފަހު، ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ހުވާކުރެއްވުމަށްފަހު ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަމުން އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖޭގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ވޭތުވެދިޔަ ފަސް އަހަރު ބައިނަލްއަގުވާމީ ގޮތުން ރާއްޖެ ވަރަށް ބޮޑަށް ފެއަށް ޖެހިފައިވާ ކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީގެ އިތުރުން އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވެ.