އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ދްރޯފަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އިންޑިޔާގެ ވެރިންނަށް ރައީސް މުއިއްޒު ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި، މި އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމާނީ އެކުވެރިކަމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިންޑިއާ ސަރުކާރާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ހުރި ގޮންޖެހުންތަކަށް ހަރުދަނާ ގޮތެއްގައި ހައްލު ހޯދައިދިނުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ސިޓީފުޅުގައި އެ ގައުމުގެ ވެރިންނަށް ދުޅަހެޔޮ ސިއްހަތާއި އެ ގައުމުގެ ރައްޔިތުންގެ އަމަންއަމާންކަމާއި ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ކޮންމެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.