މުނިފޫހިފިލުވުން

އައިފާ އެވޯޑްސް އަށް 25 އަހަރު ފުރުމާ ގުޅިގެން މޯދީގެ ހާއްސަ މެސެޖެއް

ފާއިތުވި ހަފުތާ ބަންދުގައި ޖައިޕޫރުގައި ނިމިގެންދިޔަ އައިފާ އެވޯޑް ހަފުލާއަކީ މަޝްހޫރު ގިނަ ތަރީންތަކެއް ބައިވެރިވި ރަސްމިއްޔާތެކެވެ. މިއީ 25 ވަނަ އައިފާ އެވޯޑެވެ. މި ހަފުލާ ހުށަހަޅާފައިވަނީ ކާރްތިކް އާރްޔަން އަދި ކަރަން ޖޯހަރެވެ. ޝާހުރުކް ޚާން، ކަރީނާ ކަޕޫރު އަދި ނޯރާ ފަތޭހީ ފަދަ މަޝްހޫރު ފަންނާނުން މި ރަސްމިއްޔާތުގައި ޕަރފޯމްކޮށްފައިވެއެވެ.

މި އެވޯޑްސް އަށް 25 އަހަރު ފުރުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ މަރުހަބާގެ މެސެޖެއް ފޮނުއްވައިފައެވެ.

އައިފާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ބޮޑުވަޒީރު މޯދީ ދެއްވާފައިވާ ސިޓީ ހިއްސާކޮށްފައިވެއެވެ. އެ ސިޓީގައި ވަނީ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ (އައިފާ) އެވޯޑްސްގެ 25 ވަނަ އަހަރީ ރަސްމިއްޔާތާ ބެހޭ މައުލޫމާތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމަށާއި އެ ދަތުރުން ދައްކުވައިދެނީ އައިފާ ބައިނަލްއަގްވާމީ ހަރަކާތަކަށް ހެދުމަށް މަސައްކަތްކޮށްފައިވާ އެންމެހައި ފަރާތްތަކުގެ އަޒުމުކަމަށެވެ. އޭގެ ތެރޭގައި ޕްރޮޑިއުސަރުން، ޑައިރެކްޓަރުން، ފަންނާނުން، މިއުޒިޝަނުން، ޓެކްނީޝަނުން އަދި އިންޑަސްޓްރީގެ އެހެނިހެން ޕްރޮފެޝަނަލުން، އަދި އެންމެ މުހިންމު ކަމަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ފަރާތްތައް ހިމެނޭ ކަމަށެވެ.

އައިފާއިން މިދިޔަ އަހަރުތަކުގައި އިންޑިއާގެ ސިނަމާގެ އެންމެ ރަނގަޅު ކަންކަން ފާހަގަކޮށް، މަޝްހޫރު އާ ފަރާތްތަކަށް ފިލްމުތަކުގެ ޖާދޫ ތައާރަފުކޮށްދީފައިވާތީ އެ ކަމަށް މޯދީ ތައުރީފުކުރައްވާފައިވެއެވެ.

"އިންޓަނޭޝަނަލް އައިފާގެ 25 އަހަރު ފާހަގަކުރާއިރު، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަރާތްޕުޅުން މި ހާއްސަ މެސެޖު ލިބުނީތީ ވަރަށް ފަޚުރުވެރިވަމެވެ. މި މެސެޖުގައި އައިފާގެ ދަތުރާއި އިންޑިއާގެ ސިނަމާ ދުނިޔެއަށް ފުޅާކުރުމުގައި އަދާކުރާ ދައުރު ފާހަގަކުރައްވާފައިވެއެވެ." މޯދީގެ މެސެޖާ ގުޅޭގޮތުން އައިފާއިން ބުނެފައިވެއެވެ.

މި އަހަރު، މާޗު 8 އަދި 9 ގައި ޖައިޕޫރުގައި ދެ ހަފުލާއެއއ ބޭއްވިއެވެ. އެއީ ޑިޖިޓަލް ފިލްމު އެވޯޑްސްއާއި ތިއޭޓަރުތަކުގައި ދެއްކި ފިލްމުތަކުގެ އެވޯޑްސްއެވެ. 'ލާޕަތާ ލޭޑީސް' އަކީ އެންމެ ގިނަ އެވޯޑު ކާމިޔާބުކުރި ފިލްމެވެ. އެ ފިލްމަށް 10 ކެޓަގަރީއަކުން އެވޯޑު ލިބުނެވެ. މި އެވޯޑްސް ޝޯ ބަލައިލެވޭނީ މާޗު 16 ވާ އާދިއްތަ ދުވަހު ޒީ ޓީވީން ރޭގަނޑު 8:00 ގައެވެ.