ކުއްލި ޚަބަރު

ގާސިމުގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

1

ދާދި ފަހުން ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ، ޑްރައިވަރު ގާސިމް ހަސަންގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

އެ މަރަށް މިއަދަށް ދެ ހަފްތާ ވެފައިވާއިރު، އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާކަން އިއުލާން ކުރެއްވީ، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ކޮމިޝަނަރު ވިދާޅުވީ، ހައްޔަރުކޮށްފައިވަނީ ފިރިހެނެއް ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު މާދަމާ ހާމަކުރާނެ ކަމަށެވެ. އަދި ފުލުހުން އޮފިސަރުން ކުރި ތަހުގީގީ މަސައްކަތަށް ފަހުރުވެރިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކޮމިޝަނަރު ހަމީދު ވަނީ، ގާސމުގެ ގާތިލުންގެ ފިންގަ ޕުރިންޓު އަދި މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައިވާކަން ހާމަކުރައްވައިފައެވެ.

ހަތިޔާރު ފެނުނީ ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައި ވަނީ އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ 300 މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ގާތިލާ ހަމައަށް ވާސިލުވުމަށް ފުލުހުންގެ ޓީމުން ގާސިމު އެދުވަހު ދުއްވި ޓެކްސީގެ ހަރަކާތްތައް ބެލުމަށް ސީސީޓީވީގެ ގިނަ ފުޓޭޖުތަކެއް ވެސް ބަލާފައިވަކަން އެދުވަހު ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟