އިސްލާމިކް މިނިސްޓްރީ

ދީނުގެ ނަމުގައި މުސްލިމުން ކާފަރުކޮށް މުދަލާއި ލޭ ހަލާލު ކުރާ ހަރުކަށި ފިކުރު ފަތުރައިގެން ނުވާނެ: މިނިސްޓްރީ

އިބްރާހިމް ޒަކީ

ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކައިވެނީގެ ނަމުގައި ގުޅުން ގާއިމް ކުރުމާއި، މުސްލިމުން ކާފަރުކޮށް، އަނެކުންގެ މުދަލާއި ލޭ ހަލާލު ކުރާފަދަ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރަކީ އިސްލާމް ދީނުގެ ނަމުގައި ފަތުރައިގެންވާނެ ފިކުރެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މުޖުތަމައުގެ އާއްމު މަސްލަހަތަށް ހަދާފައި ހުންނަ ގާނޫނުތައް ބަލައިނުގަތުމާއި، ޖަމާއަތުން ވަކިވެ އެކަހެރިވެގަތުމާއި، އާއްމު އަސާސީ ތައުލީމާއި ސިއްހީ ވަސީލަތްތަކުން ޅަދަރިން މަހުރޫމް ކުރުމަކީ އިސްލާމް ދީނުގެ އުސޫލުތައް ނޫން ކަމަށެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، މުޖުތަމައުގެ އާއްމު މަސްލަހަތަށް އިސްކަން ދިނުމާއި ދީނީ ގޮތުން ބައިބައި ވުމާއި ނުތަނަވަސްކަން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް ހިތްވަރު ނުދިނުމަށް މިނިސްޓްރީގެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޓެރިޒަމަށް ވާގިވެރިވެ، ޓެރަރިޒަމްގެ އަމަލު ހިންގުމާއި އެނޫންވެސް އެފަދަ ޖިނާއީ ކުށުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަމުން އެއްކިބާވެ ތިބުމަށް ދީނީ އިލްމުވެރިންނަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނުގެ ނަމުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ސަބަބުން ހަރުކަށިކަމާއި އަނިޔާވެރި، ލާއިންސާނީ، ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވެ ބޭރު ގައުމުތަކުގައި ހިންގަމުންދާ ދާހިލީ ހަނގުރާމަ ތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބެމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން އިސްލާމް ދީނުގެ ސުލްހަވެރި ތަސައްވުރު ކިލަނބުވެ އިސްލާމްދީނާ މެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދި އިސްލާމް ދީނުގެ ހަގީގީ މަފްހޫމު އޮޅިގެން ދިއުމަށް އެއްވެސް ދިވެއްސަކު ފުރުސަތު ދީގެން ނުވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

"އެފަދަ އަމަލު ތަކާއި ހަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވުމަށާއި ފަރުދީ ފެންވަރުގައި ތިމާގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި އެކުވެރިން އެފަދަ ނުރަނގަޅު ފިކުރު ތަކުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލަން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިސްލާމްދީނުގެ ސައްހަ އަގީދާ އޮޅުން ފިލުވުމުގައި އިންޓަނެޓާއި އެނޫންވެސް އެފަދަ ހަގީގަތް ނޭނގޭ ވަސީލަތްތަކަށް ބަރޯސާވުމުގެ ބަަދަލުގައި، އިތުބާރު ހިފޭ ދީނީ އިލްމުވެރިންގެ ކިބައިން އިސްލާމްދީނުގެ ކަންކަން އޮޅުން ފިލުވުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެވަޑައިގެން އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވުމަށް ދީނީ އިލްމުވެރިންނަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ގޮވާލައްވައިފައެވެ.