މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކޯލް ސެންޓަރުގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން، އިމިގްރޭޝަންގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ކޯލް ސެންޓަރުގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.
އިމިގްރޭޝަނުން މައުލޫމާތުދޭގޮތުގައި ކޯލް ސެންޓަރު މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ހުރިހާ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އިމިގްރޭޝަނުގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1434 އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޯލް ސެންޓަރެއް ހުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން ވިދާޅުވީ، ކޯލް ސެންޓަރެއްގެ މުހިއްމުކަން އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނީ މައުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެކަށީގެންވާ ގޮތުގައި ނުލިބޭކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި މިއަދަކީ ރައްޔިތުންގެ އެ ހުރިހާ އުދާސްތަކަށް ތަސައްލީއެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ.
ކޮންޓްރޯލަރ ޖެނެރަލް އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ގާތްގަނޑަކަށް 93% ހާސިލްވެފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ މަގުސަދަކީ ރައްޔިތުންނާ ގުޅިގެން ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ކޯލް ސެންޓަރުގެ ހިދުމަތް ވެގެންދާނީ ރައްޔިތުންނަށް ދެވޭ ވަރަށް މުހިއްމު ހިދުމަތަކަށް ކަމަށާއި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުންނެވި ކަމުގައިވީ ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ މައުލޫމާތު ލިބޭވަރު ކޮށްދެއްވުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މިނިސްޓަރުގެ ވާހަކައިގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޕާސްޕޯޓުގެ ހިދުމަތާއި އެނޫންވެސް ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތީން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުންދޭ އެންމެހާ ހިދުމަތްތައް ލިބޭނެ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރު ހިންގެވުމާ ހަވާލުވެގެން ތިބޭ ބައެއްގެ މަސްއޫލިއްޔަތެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ކޯލް ސެންޓަރަށް ޒިޔާރަތްކުރައްވައިފައެވެ.