ހޮލީވުޑް

އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއަކުން 150،000 ޑޮލަރުން ލިއަމް ޖޫރިމަނާ ކުރަނީ

މައިލީ ސައިރެސްއާ ވަކި ވުމަށްފަހު ލިއަމް ހެމްސްވޯތުގެ ދިރިއުޅުން ހަމަޔަކަށް އެޅެމުން ދަނިކޮށް އަނެއްކާވެސް ބޮޑު ޖޫރިމަނާއަކާ ކުރިމަތި ވެއްޖެއެވެ.

އީ ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ލިއަމް ޖޫރިމަނާ ކުރަނީ އޭނާ އިންސްޓަގްރާމުގައި ފިލްމު "އިޒިންޓް އިޓް ރޮމާންޓިކް" ގެ މަންޒަރެއް ޝޫޓް ކުރުމުގެ ތެރޭގައި ލިއަމް ހުރި ފޮޓޯއެއް ހިއްސާކުރުމުންނެވެ. އެ ޖޫރިމަނާ ކުރަނީ ސްޕްލޭޝް ނިއުސް އަދި ޕިކްޗާ އެޖެންސީގެ ފަރާތުންނެވެ.

އީ ނިއުސްއަށް ލިބިފައިވާ ލިޔެކިޔުންތަކުން ހާމަވާގޮތުގައި ލިއަމް ޖޫރިމަނާ ކުރަނީ ކޮޕީރައިޓްސްއަށް އިހްތިރާމް ނުކުރުމުގެ ސަބަބުންނެވެ. އެ ފޮޓޯ އަކީ އެހެން ފޮޓޯގްރާފަރެއް ނަގާފައިވާ ފޮޓޯއެއް ކަމަށް އެ ލިޔުންތަކުގައި ވެއެވެ. ލިއަމް ފޮޓޯ އިންސްޓަގްރާމުގައި ހިއްސާކުރީ ފޮޓޯގްރާފަރު ކައިރިން ހުއްދަ ނުނަގައި ކަމަށްވެސް އޭގައި ވެއެވެ.

އޭގައި އިތުރަށް ބުނެފައިވަނީ ލިއަމް ނުވަތަ އޭނާގެ އެކައުންޓް ބަލަހައްޓާ ފަރާތުން ވަނީ މިދިޔަ އަހަރު ޖުލައި 15ގައި އެ ފޮޓޯ ހުއްދައާ ނުލައި އިންސްޓަގްރާމުގައި ހިއްސާކޮށް ފިލްމުގެ ޕްރޮމޯޝަނަލް ޕޭޖް ޓެގްކޮށްފައި ކަމަށެވެ. އަދި މިއަހަރު ޖޫން 20ގައި އިންސްޓަގްރާމް ސްޓޯރީގައިވެސް ދެފަހަރު ހަަމަ އެފޮޓޯ ވަނީ ހިއްސާކޮށްފައެވެ.

އެހެންކަމުން ލިއަމް އެފޮޓޯތައް ހިއްސާކުރީ ނޭނގި ނޫން ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ސަބަބުން ކޮޕީރައިޓް އެކްޓްގެ ދަށުން 150،000 ޑޮލަރުން ލިއަމް ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް ލިޔުންތަކުގައިވެއެވެ.