އިސްލާމިކް މިނިސްޓްރީ

ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކޮށް ތިން އިލްމުވެރިޔަކު ސަސްޕެންޑުކޮށްފި

ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކޮށް ތިން އިލްމުވެރިޔަކު ސަސްޕެންޑުކޮށްފިއެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވައިދުގެ ދަށުން ރާއްޖޭގައި ދީނީ ތަގުރީރުކުރުމާއި ވައުޟު ބުނުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދު ވަގުތީ ގޮތުން ހިފަހައްޓާފައިވާ ތިން އިލްމުވެރިންގެ މައުލޫމާތު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެ ތިން އިލްމުވެރިންނަކީ ނ. ޅޮހި، މަނަދޫގެ، އަބްދުއްރަހީމް މުހައްމަދާއި އައްޑޫ މީދޫ، ދެކުނުގެ، ޖައުފަތު ފާއިޒު އަދި ގދ. ތިނަދޫ، ރެޑްސީ، މުހައްމަދު ހަސަނެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތިން އިލްމުވެރިންގެ ތެރެއިން އަބްދުއްރަހީމް މުހައްމަދާއި ޖައުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި، އަނިޔާވެރި ލާއިންސާނީ ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި ވާހަދެއްކުމާއި އަދި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭނެހެން ވާހަކަދައްކަމުން އަންނާތީ ކަމަށެވެ.

މުހައްމަދު ހަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަފަސާދައަށް މަގުފަހިވާނެހެން ވާހަކަދެއްކުމާއި، ދީނީ އިލްމުވެރިންނާ މެދު ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމާއި، ދަންނަބޭކަލުންގެ އިޖުމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތުގައި އިސްލާމްދީނުގައި ހަމައެކަނި އޮތް ގޮތް ކަމުގައި ހަދައި، އެގޮތަށް ބާރުއަޅައި ވާހަކަދެއްކުމާއި އަދި އެ މޭރުމުން ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ.