އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރޮބިން ވެން ޕާސީގެ ހުނަރުތައް ނަކަލު ކުރަމުން އަންނަ ކަމަށް ބުނެ، ޔުނައިޓެޑުގެ ޒުވާން ފޯވަޑް މޭސަން ގްރީންވުޑަށް ވެން ޕާސީ ތައުރީފުކޮށްފިއެވެ.
މިސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނާ ސޯލްޝެއާ ވަނީ އިންޓަ މިލާނަށް ފޯވަޑް ރޮމެލޫ ލުކާކޫ އާއި އެލެކްސިސް ސަންޗޭޒް ދޫކޮށްލައިފައެވެ. އެހެންކަމުން މިސީޒަނުގައި ޔުނައިޓެޑުގެ ފޯވަޑް ލައިނުގައި ހިމެނެނީ މާކަސް ރަޝްފާޑާއި އެންތޮނީ މާޝިއަލް އަދި އުމުރުން 18 އަހަރުގެ ގްރީންވުޑެވެ.
ގްރީންވުޑަކީ ތަޖުރިބާ މަދު ފޯވަޑެއް ނަމަވެސް، މިހާތަނަށް ޔުނައިޓެޑަށް ކުޅުނު މެޗުތަކުގައި އޭނާ ފެނިގެންދިޔައީ އެޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އާދީއްތަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުގައި ލަނޑެއް ޖަހައި، ޔުނައިޓެޑް ސަލާމަތްކޮށްދީފައެވެ. އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ ލަނޑަކީ ޔުނައިޓެޑަށް ކުޅުނު 19 މެޗުން އޭނާ ކާމިޔާބުކޮށްދިން ހަތްވަނަ ލަނޑެވެ.
ޔުނައިޓެޑަށް 13-2012 ސީޒަންގެ ޕްރިމިއާ ލީގު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްދީ، އެ ސީޒަނުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ވެން ޕާސީ ދެކޭގޮތުގައި ގްރީންވުޑް ވެސް ކެރިޔަރު ނިންމާލާނީ ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައެވެ.
"އަހަރެން ދެކެނީ އޭނާ ވަރަށް މޮޅު ކުޅުންތެރިޔަކަށް ވާނެ ކަމަށް. ސަބަބަކީ ކޮންމެ މެޗެއްގައި އޭނާ އެ އަންނަނީ އަހަރެންގެ ހުނަރުތައް ނަކަލު ކުރަމުން. އަހަރެންގެ ސްޓައިލް، އަހަރެންގެ ހުނަރު، އަހަރެންގެ ވާތު ފައި، އަހަރެންގެ ނިންމުންތައް. އެހެންވީމާ އަހަރެންނެކޭ އެއްގޮތަށް ވެސް އޭނާ ވެސް ކާމިޔާބުކަމާއެކު ކެރިޔަރު ނިންމާލާނެ ކަމުގެ ޔަގީންކަން އެބައޮތް،" ވެން ޕާސީ ބުންޏެވެ.
ޔުނައިޓެޑު މިވަގުތު އޮތީ ކުޅުނު 17 މެޗުން ލިބުނު 25 ޕޮއިންޓާއެކު ޕްރިމިއާ ލީގު ތާވަލުގެ ހަ ވަނައިގައެވެ. ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.