އަންނަ އަހަރުވެސް ހޮނިހިރު ދުވަހު ކައިވެނި ނުކޮށްދޭ ގޮތަށް ފެމެލީ ކޯޓުން ނިންމައިފިއެވެ.
ފެމެލީ ކޯޓުގެ މި ނިންމުމާއެކު އަންނަ އަހަރުގެ ރީތި ގިނަ ތާރީހުތަކެއްގައި ކައިވެނި ނުކުރެވޭ ގޮތް ވަނީ ވެފައެވެ. އެގޮތުން 4/4/2020، 6/6/2020، 10/10/2020 އަދި 12/12/2020 ފަދަ ދުވަސްތައް ދިމާވަނީ ހޮނިހިރު ދުވަހާއެވެ. ނަމަވެސް 02/02/2020 ހޮނިހިރަކަށް ދިމައެއް ނުވެ އެވެ.
ހޮނިހިރު ދުވަސްތަކުގެ އިތުރުން އަންނަ އަހަރު ކައިވެނިކޮށް ނުދެވޭނެ ތާރީހުތައްވެސް ފެމެލީ ކޯޓުން ވަނީ އާންމު ކޮށްފައެވެ. އެގޮތުން އަންނަ އަހަރުގެ 12 ދުވަހެއްގައި ކައިވެނިކޮށް ނުދެވޭނެ ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ދުވަހާއި ގުޅިގެން އޭޕްރީލް 23 އަދި 24، ފިތުރު އީދުގެ މުނާސަބާގައި މެއި 24 އިން ފެށިގެން މެއި 29އަށް، މިނިވަން ދުވަހުގެ މުނާސަބާގައި ޖުލައި 26 އަދި 27ގެ އިތުރުން އަލްހާ އީދުގެ މުނާސަބާގައި އޯގަސްޓު ދޭއް އަދި ތިނެކެވެ.
މީގެ އިތުރުން އަންނަ އަހަރު ކޯޓުން ބޭރުގައި އަދި ކޯޓުގައި ކައިވެނި ކޮށްދޭ ގަޑިތައްވެސް ކޯޓުން އާންމުކޮށްފައި ވެއެވެ. އެގޮތުން އަންނަ އަހަރު ކޯޓުގައި ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ހަމަޖައްސާފައިވަނީ ހެނދުނު 10 އަކާއި 11:30 އާއި ދެމެދު އަދި މެންދުރުފަހު 13:00 އާއި 13:30 އާއި ދެމެދުއެވެ. ނުރަސްމީގަޑީގައި ކޯޓުގައި ކައިވެނި ކޮށްދެނީ 16:00 އިން 21:30 އަށެވެ.
ކޯޓުން ބޭރުގައި ހެނދުނުގެ އެއްވެސް ވަގުތެއްގައި ކައިވެނިކޮށް ނުދޭނެ ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރާ ފަރާތްތަކަށް ކައިވެނި ކުރެވޭނީ ހަވީރު 16:00 އިން 22:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.