ޚަބަރު

އެންމެ ރަނގަޅު ގޮތަކީ ބައްޕަގެ ގާބިލުކަމަށް ބަލައިގެން ކޯޓުން ކުދިންގެ ހަރަދު ކަނޑައެޅުން: ފެމެލީ ކޯޓު

އިބްރާހިމް ޒަކީ

ކުދިންގެ ހަރަދު ނަގައިދިނުމުގައި އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ ބައްޕަ ނުވަތަ ޝަރުއީ ބަލަދުވެރިޔާގެ އާމްދަނީއާއި ގާބިލުކަަމަށް ބެލުމަށްފަހު ކޯޓުން ހަރަދުގެ އަދަދު ކަނޑައެޅުން ކަމަށް ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫން މިހެން ވިދާޅުވީ، އާއިލާއާބެހޭ ގަވާއިދުގެ ދަށުން ދަރިންގެ ހަރަދަށް މިހާރު ކަނޑައަޅާފައިވާ އަދަދު ކުޑަކަމަށް ބުނެ، އެކަމާމެދު މަޝްވަރާ ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ގަވާއިދު ކޮމިޓީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައެވެ.

"ކުއްޖާ ބެލުމަށް ހުންނަ ފަރާތަކަށް ދޭ 1،000 ރުފިޔާއާއި ކުއްޖާގެ ހަރަދަށް މި ދޭ 1،000 ރުފިޔާއާއެކު އެއް ކުއްޖަކު ކަމަށްވަންޏާ 2،000 ރުފިޔާ، ދެ ކުދިން ވެއްޖެއްޔާ 3،000 ރުފިޔާ، އެގޮަތަށް އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުން ހަރަދުނަގައި ދެނީ ގާނޫނުގައި ލާޒިމްކުރާ އަދަދެއްގެ ގޮތުގައި،" މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަގީގަތަކީ ހަރަދުތައް އެ ހިސާބުން ނިމުނީީ ނޫން ކަމަށެވެ.

"އިތުރަށް ބޭސްފަރުވާއާއި އަންނައުގެ ހަރަދާއި ކެއުމުގެ ހަރަދު އެބަ އޮވޭ، އެހެންވީމާ ކޯޓުން ހުކުމެއް ކުރާއިރުވެސް ލާޒިމް އަދަދުގެ އިތުރަށް ކުއްޖާގެ ބައްޕައަށް ނޫނީ ޝަރުއީގޮތުން އެ ކުއްޖާގެ ކަންކަންތައް ބަލަހައްޓަން ލާޒިމުކުރާ ފަރާތަކަށް އިތުރު ހަރަދުތައްވެސް ދޭން އަންގައި ހުކުމްކޮށްފައި އޮންނަނީ، އެހެންކަމުން ގާނޫނުގައި ނުވަތަ ގަވާއިދުގައި ކަނޑައެޅިފައި އެ އޮންނަ، އަންނައުނުގެ ހަރަދާއި ބޭސްފަރުވާ އާއި ކިޔެވުމުގެ ހަރަދު އެ ފަރާތަކުން ދޭންޖެހޭ ގޮތަށް އޮންނަނީ، އެއީ ކަނޑައެޅިގެން ވަކި މިނެއް އިމެއް ކަނޑައެޅިފައި އޮތް އެއްޗެއް ނޫން،" މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އިތުރު ހަރަދުތަކަކީ އެ ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށާއި އުނދަގޫވާ މައްސަލައަކީ އެއީ ކަމަށެވެ. އެހެންކަމުން ގަވާއިދުގައި ކުޑަ އަދަދެއް އޮތް ނަަމަވެސް އެގޮތަށް ބަލާއިރު ނަގައިދެވޭ ހަރަދު ކުޑަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާހަގަކުރެވިފައިވެސް އެބަ އޮތް އެންމެ ކުއްޖެއްގެ ހަރަދަށް 16500 ރުފިޔާ ނަގައިދީފަ އެބަހުރި،"

މައުސޫމް އިތުރަށް ވިދާޅުވީ، ކުދިންގެ ކެއުމާއި ކިޔެވުމާއި އަންނަނުލުމާއި ކަންކަން ހުންނަނީ އެކި ކުދިންނަށް އެކި ފެންވަރުގައި ކަމަށާއި މީހާގެ އާމްދަނީއާއި ގާބިލުކަމަށް ބަލައި ހަރަދުގެ މިންވަރު ކަނޑައަޅަންޖެހެނީ އެހެންވެގެން ކަމަށެވެ.