މިދިޔަ އަހަރު އެކަނިވެސް ވަރިއާ ގުޅޭ 4700 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ޝަރުއީ ކޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
"ގަޟާއީ އަހަރު 2025" އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އާންމުކުރި ކޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޖުމުލަ 7091 މައްސަލަ ފެމިލީ ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން 67 އިންސައްތަ މައްސަލަ ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
އާއިލީ މައްސަލަތަކުގެ ތެރެއިން 66 އިންސައްތަ މައްސަލައަކީ ވަރިއާ ގުޅޭ މައްސަލަތަކެވެ. ވަރިއާ ގުޅޭ 4706 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވާ އިރު، އެއީ ރާއްޖޭގެ ޖުމުލަ ކައިވެނީގެ ނިސްބަތުން ފަސް އިންސައްތަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި ފެމިލީ ކޯޓުން ވަނީ ރައްކާތެރިކުރުމުގެ 64 އަމުރެއް ނެރެދީފައެވެ. އަދި ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި 53 އަމުރެއް ނެރެދީފައިވެއެވެ.
ތަފާސްހިސާބުތައް އާންމުކުރުމަށް ހުށަހެޅި ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، އާއިލީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، އާއިލީ މައްސަލަތައް ހިންގުމަށްޓަކައި ގާނޫނުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކޯޓުތަކުގެ އުމްރާނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.