ދޯންޏަކުން އޮޔާދިޔަ ބޮޔެއް ނަގަން މޫދަށް އެރުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:08 ހާއިރުއެވެ. އަދި މި ހާދިސާގައި މަރުވެފައި ވަނީ އެންދަމަން ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއް ކަމަށްވާ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ދޯނީގައި ބޭނުން ކުރި ބޮޔެއް އޮޔާ ދިޔުމުން އެމީހާ އެ ބޮއި ބަލައި ފަތާފައިގޮސް އަންނަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި ދޯނީގައި އެވަގުތު ތިބި މީހުންނާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި ބޮއި ހިފައިގެން އެމީހާ ފަތާފައި އަންނަނިކޮށް އެމީހާގެ ހަރަކާތް ހުއްޓިގެން އޭނާ ދޯންޏަށް ނެގި އިރު އަނގައިން ފޮނު އަރާފައި ވެއެވެ.
ފުލުހުން ބުނީ އެ މީހާ މޫދުން ނެގުމަށްފަހު ވަގުތުން ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.