މިނިސްޓަރު ޒަހާ ވަހީދު

އުފެއްދުންތެރިކަން އިތުރުކުރަށް އިގުތިސާދީ މަސައްކަތްތަތުގެ ކޮންޓްރޯލް ރަށު ރައްޔިތުންގެ އަތުގައި އޮންނަން ޖެހޭ: ޒަހާ

އިބްރާހިމް ޒަކީ

ރަށްރަށުގެ އިގުތިސޯއި، އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި، ރަށްރަށުގައި އުފެދޭ އިގުތިސާދީ މަސައްކަތްތަކުގެ ކޮންޓްރޯލް ރަށު ރައްޔިތުންގެ އަތުގައި އޮންނަން ޖެހޭ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ އިއްޔެއިން ފެށިގެން ކްރޮސްރޯޑްސްގައި ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރަށުގެ އިގުތިސާދު ކުރިއަރުވައި އުފެއްދުންތެރިކަން އިތުރު ކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެންމެ މުހިއްމީ ރަށުގައި އިންވެސްޓްމެންޓްތައް ގާއިމްކޮށް ގިނަ ޕްރައިމަރީ އިންޑަސްޓްރީތައް އުފެއްދުން ކަމަށެވެ. އެފަދަ ތަންތަނުން ދެވިދާނެ ބައެއް ހިުދމަތްތައްވެސް މިނިސްޓަރު ވިދާޅުވެދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ވެސް ރަށްރަށުގައި އުފެއްދުންތެރި މަސއްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށެވެ. އޭރު ކުރި މަސައްކަތްތަކުގެ ތެރެއިިން ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން ހިކި ކަނޑުމަސް، ރިހާކުރު އުފެއްދުން މިހާރު ވަޅުޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކަށް ބައްލަވައިލައްވަމުން މިނިސްޓަރު ވިދާޅުވީ، 2007 ވަނަ އަހަަރު 8،700 ޓަނުގެ ހިކި ކަނޑުމަސް ރާއްޖެއިން ބޭރުކުރި ނަމަވެސް 2018 ވަނަ އަހަރުގެ އެކްސްޕޯޓަށް ބަލާއިރު މިއަދަދު ހުރީ 1،570 ޓަނަށް ދަށަށް ގޮސްފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކަންބޮޑުވާން ޖެހޭ ކަމަކީ އެ 1،570 ޓަނުގެ ބޮޑު ބައެއް މިހާރު ރަށާއި މާ ބޮޑު ގުޅުމެއް ނެތް ވިޔަފާރިއަކަށް ވެފައިވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން އެއީ ރަށު ފެންވަރުގައި ޕްރޮސެސް ކުރަމުންދިޔަ ބާވަތްތަކެއް ނަމަވެސް މިހާރު އެފަދަ ވިޔަފާރިތައް އޮންނަނީ އެ ވިޔަފާރި ބަލަހައްޓާ ބިދޭސީއެއް ނުވަތަ މާލޭގައި ހުންނަ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަތްމަތީގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެކަންކަމަކީ ރަށު ފެންވަރުގައި ޕްރޮސެސް ކުރަމުންދިޔަ ބާވަތްތަކެއްކަމުން އެފަދަ ވިޔަފާރިތަކުން ލިބޭ އާމްދަނީ، ނުވަތަ ފައިސާ ރަށުގެ އިގުތިސާދަށް ވަނުން މުހިއްމު ކަމަށެވެ. އަދި ރަށުގެ އިގުތިސާދު ކުރިއަރުވަން ރަށަށް ވަންނަ ފައިސާ ކޮންމެވެސް ވަރަކަށް ރަށުގައި ހިފަހައްޓަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ރަށުން އުފެދޭ ވަޒީފާތަކަށް ރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިކަންކަން ކުރުމަށް ރަށުގައި އުފެދޭ އިގުތިސާދީ މަސައްކަތްތަކުގެ ކޮންޓްރޯލް ރަށު ރައްޔިތުންގެ އަތުގައި އޮންނަން ޖެހޭ ކަމަަށެވެ.