އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.
މިދެބޭފުޅުންވެސް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލައްވާނެކަން އިއުލާނުކުރައްވާފައި ވަނީ އެ ދެބޭފުޅުންގެ އަމިއްލަ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއް މެދުވެރިކޮށެވެ.
މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލެއްވި އަލްހާން މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވަނީ ލޯކަލް ގަވަމަންޓުގެ ގާނޫނީ ބަރުވެރިކަން ކަށަވަރު ކުރެވޭނީ ވެރިކަން ކުރުމުގެ ގާބިލުކަން ހުރި ވެރިން ކައުންސިލް ތަކަށް އިންތިހާބުކޮށްގެން ކަމަށް ވިދާޅުވެއެވެ. އަދި ޕާޓީގެ ޓިކެޓެއް ހޯދައިގެން ކައުންސިލަށް ކުރިމަތިލާ ކޮންމެ "ޕަޕެޓަކަށް" އެކަމެއް ނުކުރެވޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
އަންނަ ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން އިއުލާނު ކުރައްވަމުން އަފްޝަން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި މުހިއްމު އިސްލާހުތަކާއެކު ރާއްޖޭގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރުމުގެ އުއްމީދު އާވެއްޖެ ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ އެ އުއްމީދުގައި ހުންނަވައިގެން ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.
އަފްޝަން ވިދާޅުވީ އުއްމީދަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއި، ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމު ކުރުން ކަމަށެވެ. އަދި އުއްމީދަކީ "އެޖެންޑާ 19" އާއި "ޖަޒީރާ ރާއްޖެ" ގެ ސިޔާސަތުތަކުގެ ތެރެއިން ދުރު ރާސްތާއަކަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރުން ކަމަށް އަފްޝަން ވިދާޅުވިއެވެ.
މި ދެބޭފުޅުންގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ އަންނަ އޭޕްރީލް މަހު ހަތަރެއްގައެވެ.