މާރިޔާ އަހްމަދު ދީދީ

ޑިފެންސް މިނިސްޓަރު ކަމުގެ މަގާމާއެކު މާރިޔާ ތާރީހުގެ ތެރެއަށް

1

ދިވެހިރާއްޖޭގެ ތާރީހުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް ބޭކަނބަލަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ މާރިޔާ އަހްމަދު ދީދީއެވެ.

މާރިޔާ އަކީ މުޅި ސައުތް އޭޝިއާގައިވެސް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމު ލިބިވަޑައިގަތް ދެވަނަ އަންހެން ބޭފުޅާއެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު ކަމުން މާރިޔާ ވަނީ އިސްތިއުފާދެއްވައިފައެވެ. މާރިޔާގެ އިތުރުން ވަޒީރުކަމުގެ މަގާމު އަދާކުރެއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އަދި ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި މާރިޔާއާއެކު ޖުމްލަ ހަތް ބޭކަނބަލުން ހިމެނިވަޑައިގަންނަވައެވެ. މާރިޔާގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދާއި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އާމިނަތު އާތިފާއާއި ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފާއި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އަދި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟