ލާމަރުކަޒީ ނިޒާމް

ރައީސްގެ ދައުވަތަކަށް 200 ކައުސެލަރުންނާ އެކު "ވިޔަވަތި ރާއްޖެ" މަހާސިންތާ ފަށައިފި

އިބްރާހިމް ޒަކީ

ދުއިސައްތަ އަށްވުރެ ގިނަ ކައުންސެލަރުންނާއެކު "ވިޔަވަތި ރާއްޖެ" މަހާސިންތާ ކްރޮސް ރޯޑުގައި ފަށައިފިއެވެ. މި މަހާސިންތާ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ބާއްވާ މަހާސިންތާއެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ އަކީ، ލާމަރުކަޒީ ގާނޫނާށް ގެނައި އިސްލާހާ ގުޅިގެން ކައުންސިލްތަކަށް އަންނަ ބޮޑެތި ބަދަލުތަކާއި، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ކަނައަޅާފައިވާ ބަޖެޓުގެ އިތުރުން ކަމާބެހޭ ކަންތައްތަކަށް ކައުންސެލަރުން އަހުލުވެރިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަހާސިންތާ އިފްތިތާހު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި މަހާސިންތާގައި ކަމާބެހޭ މައުލޫމާތުގެ ސެޝަން ތަކެއް ނަގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތާވަލުކޮށްފައިވާ ގޮތުން މި މަހާސިންތާގެ ގިނަ ސެޝަންތަކުގެ ރިޔާސަތު ވެސް ބަލަހައްޓަވާނީ ރައީސް ސޯލިހު އެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދައުރާ ގުޅޭ މަޝްވަރާ ތަކާއި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމާ ގުޅޭ މަޝްވަރާތައް މި މަހާސިންތާގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

އަދި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޝްވަރާތައްވެސް މި މަހާސިންތާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.