ލާމަރުކަޒީ ނިޒާމް

ބަޖެޓުން ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ލިބޭގޮތަށް ލާމަރުކަޒީ ބިލު ތަސްދީގު ކުރައްވައިފި

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ފާސްކުރި، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ލިބޭގޮތަށް ކަނޑައެޅި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލް ޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެމަނިކުފާނު އެބިލު ތަސްދީގު ކުރެއްވީ ކައުންސެލަރުންނަށް މައުލޫމާތު ދެއްވުމަށް މިއަދު ފެށި "ވިޔަވަތި ރާއްޖެ" މަހާސިންތާ އިފްތިތާހު ކޮށްދެއްވުމަށްފަހު އެ މަހާސިންތާގެ ތެރެއިންނެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައިވާ ތަންތަން ތަރައްގީކޮށް ކުރިއެރުމަށް ކުރަން ޖެހޭ ކަންކަން އަމިއްލައަށް ކުރުމަށް، ބޮޑެތި ބާރުތަކެއް ދީފައިވާ މި ބިލުގައި ކައުންސިލްތައް އެތުރިފައިވާ ގޮތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ތިންހާސް މީހުންނަށްވުރެ އާބާދީ މަދު ރަށްތަކަށް ފަސް ކައުންސެލަރުން، އަދި 3000 އަށްވުރެ މަތީ އާބާދީތަކަށް ހަތް ކައުންސެލަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެންބަރުން އިންތިހާބު ކުރަން ވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެންބަރުން ކަމަށް ވެސް ބުނެފައި ވެއެވެ.

ބިލުގައި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ވަނީ ހާއްސަ ކޮށްފައެވެ.

އެގޮތުން 3،000 އަށްވުރެ މަދު މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އޭގެ ތެރެއިން ދެ ބޭފުޅުން ވާން ޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށް ބުނެފައި ވެއެވެ.

އަދި 3،000 އަށްވުރެ މީހުން ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭއިރު އޭގެ ތެރެއިން ތިން ބޭފުޅުން ވާންޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށްވެސް ބުނެފައިވެއެވެ.