މާލޭގެ ސުވަރެޖް ސިސްޓަމް ސާފުނުކޮށް އޮންނަތާ ތިން އަހަރު ވެދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ސުވަރޭޖް ސިސްޓަމް ސާފުނުކޮށް އެހާ ދުވަހު އޮތް އޮތުމަކީ އެ ކުންފުނީގެ އިހުމާލެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
''ނަރުދަމާއަށް ދިމާވާ މައްސަލަތައް ބެލި އިރު އަޅުގަނޑުމެންނަށް ފާހަގަ ވެގެން ދިޔައީ ވޭތުވެ ދިޔަ ތަނުގައި ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން، ގާތްގަނޑަކަށް ތިން ހަތަރު ވަރަކަށް އަހަރު ވަންދެން، ސުވަރޭޖް ނެޓްވޯކު ސާފު ނުކޮށްވާކަން އަޅުގަނޑުމެން ފާހަގަ ކުރަން. މިއީ ގައިމުވެސް އެމްޑަބްލިއުއެސްސީގެ އިހުމާލެއްކަން އަޅުގަނޑު ގަބޫލުކުރަން."
އާޒިމް ވިދާޅުވީ މިހާރު އެކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ހާއްސަކޮށް ވަކި ޑިވިޝަނެއް އެކުލަވާލާފައިވާނެ ކަމަށް އާޒިމް ފާހަގަ ކުރެއްވިއެވެ. ސުވަރޭޖް ނެޓްވޯކް ބެލެހެއްޓުމަށް ވަކި ޑިވިޝަނެއް ކަނޑައަޅައި، މި ނިޒާމަކީ ވަކިން ބެލެހެއްޓޭނެ ނިޒާމެއްގެ ގޮތަށް މިހާރު ބަދަލު ކުރައްވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެ ޑިވިޝަނުން މިހާރު މަސައްކަތް ފަށާފައިވާއިރު، ވިއްސާރަ ނޫން ކޮންމެ ރެޔަކު 12ގެ ފަހުން ސިސްޓަމް ސާފު ކުރަމުން ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި އަހަރު ނިމެންވާއިރަށް މުޅި މާލޭގެ ސުވަރޭޖް ސިސްޓަމް ސާފު ކުރެވިގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ ވޭސްޓް، ވޯޓާ އެންޑް ނެޓްވޯކްސް މެނޭޖަރު މުހައްމަދު ފައިސަލް ވިދާޅުވީ މާލޭގެ ސުވަރޭޖް ސިސްޓަމް ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ސަރަހައްދު ތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އައިޖީއެމްއެޗް ސަރަހައްދުގެ ސުވަރޭޖް ސިސްޓަމް އެއްކޮށް ސާފުކޮށް ނިމިފައިވާ ކަމަށާއި، އެހެން ސަރަހައްދުތަކުންވެސް ބޮޑުބައެއް މިހާރު ސާފުކުރެވިފައިވާ ކަމަށް ފައިސަލް ވިދަޅުވިއެވެ.
ފައިސަލް ވިދާޅުވީ މުޅި މާލޭގެ ސުވަރޭޖް ސިސްޓަމް އެއްކޮށް ސާފުކޮށް ނިމުމުން މާލޭގެ ނަރުދަމާއަށް ދިމާވާ މައްސަލަތަކުގެ ބޮޑު ބަޔަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.