ބޯހިޔާވަހިކަން

ކުއްޔަށްދޭ ތަންތަނުން ދެމަހަށްވުރެ އިތުރަށް ޑިޕޮސިޓް ނުނެގޭ ގޮތަށް ގާނޫނު ހަދަނީ

އިބްރާހިމް ޒަކީ

3

ދިރިއުޅެން ކުއްޔަށް ދޫކުރާ ތަންތަނުން ނަގާ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދެ މަހުގެ ކުއްޔަށްވުރެ އިތުރަށް ނުނެގޭ ގޮތަށް ގާނޫނުގައި ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅައިފިއެވެ.

މިގޮތަށް ގާނޫނުގައި ކަނޑައަޅަން ހުށަހަޅާފައިވަނީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރުމާއި ބެހޭ ގާނޫނުގެ ބިލުގައެވެ.

މިއީ ސަރުކާރުން ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލުގައި ވާގޮތުން ދިރިއުޅުމަށް، ރާއްޖޭގެ އެއްވެސްތަނަކުން ކުއްޔަށް ދޫކުރާ ތަނެއްގެ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދެ މަހުގެ ކުލީގެ ފައިސާއަށްވުރެ އިތުރަށް ފައިސާއެއް ނުނެގޭނެ އެވެ. ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ކުއްޔަަށްދޭ ފަރާތުން ނަގާ ފައިސާ ޖަމާކުރަން ޖެހޭނީ މި ބިލުގައި ކަނޑައަޅާފައިވާ ޓެނެންސީ ބޯޑުން ކަނޑައަޅާ އެކައުންޓަކަށް ކަމަށްވެސް ބިލުގައިވެއެވެ.

ބިލުގައިވާ ގޮތުން އެއްވެސް ސަބަބަކާހުރެ ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެވިއްޖެނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު އެ ހުށަހެޅުން ހުށަހަޅާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ.

ބިލުުގައިވާގޮތުން، ދިރިއުޅެން ތަނެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދިނުމުގެ ޖުމްލަ މުއްދަތަށް އެކުގައި ކުލި ނަގާ ހާލަތް ފިޔަވައި، އިތުރު ހާލަތެއްގައި އެޑްވާންސް ފައިސާގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނެގޭނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

ބިލުގައިވަނީ މީހުން ދިރިއުޅުމަށް ތަންތަން ކުއްޔަށް ދެވޭނެ އެންމެ ކުރު މުއްދަތާއި އެންމެ ދިގު މުއްްދަތުވެސް ކަނޑައަޅައިފައެވެ.

ބިލުގައިވާގޮތުން ދިރިއުޅުމަށް ތަންތަން ކުއްޔަށް ދެވޭނެ އެންމެ ކުރު މުއްދަތަކީ ހަމަސް ދުވަހެވެ. އެންމެ ދިގު މުއްދަތަކީ 10 އަހަރު ދުވަހެވެ.

ނަމަވެސް އެ މުއްދަތު ހަމަވުމުން އަނެއްކާވެސްް އެފަރާތަށް ތަން ކުއްޔަށް ދެވިދާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟