މުހައްމަދު އައުޒަމް
އެމެރިކާގެ ނޭވަލް ބޭސްއަށް ބަޑިން ހަމަލާދިން މީހާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.
އެމެރިކާގެ ޕެންސަކޯލާގައި ހުންނަ ނޭވަލް ބޭސް އަށް ދިން ހަމަލާގައި ތިން މީހުން މަރުވެ 8 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ. މަރުވި ތިން މީހުންގެ ތެރޭގައި ހަމަލާ ދިން މީހާވެސް ހިމެނެއެވެ. ބަޑިން ހަމަލާ ދިން މީހާ މަރާލާފައިވަނީ ސަލާމަތީ ބާރުތަކުން ދިން ހަމަލާގައިކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
ނޭވަލް ބޭސް އަށް ހަމަލާ ދިން މީހާ އަކީ ސައުދީ މީހެއް ކަމަށާއި އޭނާއަކީ ކުރިން ސައުދީ މިލިޓަރީގައިވެސް މަސައްކަތް ކޮށްފައިވާ މީހެއްކަމަށް އޮފޮޝަލުން ބުނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިފެންސްގެ ތަރުޖަމާނާއި ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުގައިވަނީ ބަޑިން ހަމަލާދިން މީހާ ދިޔައީ ޕައިލެޓް ޓްރޭނިން ހަދަމުން ކަމަށެވެ. އަދި މީގެ އިތުރުން ބަޑިޖެހި މީހާ ވަނީ ސައުދީ އަރަބިއްޔާ އާއި އެމެރިކާ އާއި ދެމެދު ގިނަ ދަތުރުތަކެއް ކޮށްފައިކަމަށް ވެސް ތަރުޖަމާނު ވަނީ ފާހަގަ ކޮށްފައެވެ.
ތަހުގީގަށް ހާމަވެފައިވާ ގޮތުގައި ބަޑިޖެހި މީހާވަނީ ބަޑިޖެހުމުގެ އެއްދުވަސް ކުރިން އޭނާގެ ރައްޓެހިންނާއި އެކު ބޭއްވި ޕާޓީއެއްގައި ބަޑި ޖަހައި ގިނަ މީހުން މަރާ ވީޑިއޯތަކެއް ވެސް ދައްކާފައެވެ.
ނޭވަލް ބޭސް އަށް ދިން ހަމަލާއަކީ ޓެރަރިޒަމާއި ގުޅުން ހުރި ހަމަލާއެއް ކަމަށް އަދި ނިންމާފައި ނުވި ނަމަވެސް އެމެރިކާގެ ސިޔާސީ ފަރާތްތަކުން ވަނީ މި ހަމަލާ އަކީ ސައުދީ އަރަބިއްޔާ ފަހަތުގައި އޮވެ ދީފައިވާ ޓެރަރިސްޓް ހަމަލާއެއްކަމަށް ބުނެފައެވެ.