ލޯކަލް ކައުންސިލް އިންތިހާބުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް މަޖިލީހުން ފާސްކުރި ގާނޫނާއެކު، ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގައި އަންހެނުންނަށް ހާއްސަކޮށް ގޮނޑި ހިމެނޭ ވަރު އިލެކްޝަން ކޮމިޝަނުން އާންމު ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ގާނޫނުގެ ދަށުން އަންހެނުންނަށް މާލެއިން ހަ ގޮނޑި، އައްޑޫން ހަތަރު ގޮނޑި އަދި ފުވައްމުލަކުން ދެ ގޮނޑި ހާއްސަކޮށްފައިވާނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރާއެކު ޖުމުލަ 19 ގޮނޑި މާލެއަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 18 ގޮނޑި މާލެ ސިޓީން ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ލިބެނީ 10 ގޮނޑި ކަމަށާއި، އެ ސިޓީގެ މޭޔަރާއެކު ކައުންސިލަށް 13 ގޮނޑި ހަމަޖައްސާފައިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގެ މޭޔަރާއެކު ޖުމުލަ ހަތް ގޮނޑި އަދި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ހަ ގޮނޑި ހަމަޖައްސާފައި ވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އިލެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހުއެވެ.