އެމެރިކާގައި ފުރަތަމަ ފަހަރަށް މަރުވެފައި އޮތް ހިތެއް އަލުން ދިރުވައި، މަސައްކަތް ކުރުވައިފިއެވެ.
ޑޫކް ޔުނިވާސިޓީގެ ސާޖިއަންސް މަރުވެފައިވާ ހިތް ނަގާފައިވަނީ މަރުވެ ހަށިގަނޑުގެ ލޭ ދައުރުވުން ހުއްޓިފައި އޮތް މީހެއްގެ ހަށިގަނޑުންނެވެ.
އާންމު ގޮތެއްގައި މަރުވެފައިވާ ހިތެއް ޓްރާންސްޕުލާންޓަކަށް ބޭނުމެއް ނުކުރާނެއެވެ. ސަބަބަކީ ހިތުގެ ވިންދު ޖެހުން ހުއްޓޭތާ ކުޑަ ވަގުތު ކޮޅެއް ފަހުން ހިތް އުފެދިފައިވާ ޓިޝޫތައް މަރުވާން ފެށުމެވެ.
ނަމަވެސް ޑޫކް ޔުނިވާސިޓީގެ ޑޮކްޓަރުން ވަނީ ހާއްސަ އީޖާދި އުކުޅެއް ބޭނުން ކޮށްފައެވެ. ވޯމް ޕާފިއުޝަން ނަމަކަށް ކިޔާ އެ ކަޓިން އެޖް ޓެކްނީކުން ހަށިގަނޑުން ވަކިކޮށްފައި ހިތުގެ ތެރެއަށް ލެޔާއި އޮކްސިޖަން އަދި އިލެކްޓްރޮލައިޓްސް ފޮނުވައިދީ، ހިތުގައި އަލުން ވިންދު ޖަހުވަން މަގުފަހިކޮށްދެއެވެ.
ނަތީޖާއަކަށްވީ މަރުވެފައި ހިތުގައި އަލުން ވިންދު ޖަހަން ފެށުމެވެ. އަދި އެ ހިތް ރަނގަޅަށް މަސައްކަތް ކުރަން ފެށުމުން ޑޮކްޓަރުން ވަނީ، އެހެން މީހަކަށް އެ ހިތް ޓްރާންސްޕުލާންޓް ކޮށްފައެވެ.
ޑޫކް ޔުނިވާސިޓީގެ ޑޮކްޓަރުން ބޭނުންކުރި މި އުކުޅު އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2015 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރޯޔަލް ޕެޕްވޯޓް ހޮސްޕިޓަލުގައެވެ. އަދި އެމެރިކާގައި އެ އުކުޅު ބޭނުންކޮށްގެން ކުރި ކާމިޔާބު ޓްރާންސްޕުލާންޓަކީ ގުނަވަން ބަދަލުކުރަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ލިބުނު އުންމީދެކެވެ.
އިންސާނެއްގައި ފުރަތަމަ ފަހަރަށް ހިތުގެ ޓްރާންސްޕުލާންޓެއް ހަދާފައިވަނީ 1967 ވަނަ އަހަރު ސައުތު އެފްރިކާގައެވެ. އޭގެ ފަހުން އަހަރެއް ނުވަނީސް، ސްޓެންފޯޑް ޔުނިވާސިޓީގެ ޑޮކްޓަރުން ވަނީ އެމެރިކާގައި ފުރަތަމަ ހިތުގެ ޓްރާންސްޕުލާންޓް ހަދައިފައެވެ.