ދުނިޔެ

އަންހެނަކު ރޭޕްކޮށް މަރާލި ކަމަށް ތުހުމަތުކޮށް، ހައްޔަރުގައި ތިބި ހަތަރު މީހުން މަރާލައިފި

ހައިދަރުއާބާދުގައި މިދިޔަ ހަފްތާގައި ޒުވާން އަންހެނަކު ރޭޕްކޮށް މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.

ހައިދަރުއާބާދުގެ ޕޮލިސް ކޮމިޝަނަރު ވީސީ ސަޖްޖަނާރު ވިދާޅުވި ގޮތުގައި، އެމީހުންގެ ގަޔަށް ފުލުހުން ބަޑި ޖެހީ، ހާދިސާ ހިނގި ސަރަހައްދަށް އެމީހުން ގެންގޮސް، ކުށް ކުރިގޮތް ކުޅުވުމަށް އުޅުމުން އޮފިސަރުންގެ އަތުގައި އޮތް ބަޑި ހިފައިގެން ފިލަން އުޅުމުންނެވެ.

އެ ހާދިސާގައި ދެ ފުލުހަކަށް ވެސް އަނިޔާވި ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

އުމުރުން 27 އަހަރުގެ އެ އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ރޭޕްކޮށް އަންދާލާފައި އޮއްވައި، ބުރިޖެއްގެ ދަށުންނެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުލުހުން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާ ކަމަށް ބުނެ އެތައް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

ރޭޕްކުރި ކަމަށް ތުހުމަތުކުރާ މީހުން މަރާލުމުން ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާގެ މަންމަ ބީބީސީއަށް ބުނީ، އިންސާފު ގާއިމުވެއްޖެ ކަމަށެވެ. އަދި އަންހެންކުއްޖާ ރޭޕްކުރި މީހުން މަރާލުމުން އޭނާގެ އަވަށްޓެރިން ދަނީ އެކަމާމެދު އުފާ ފާޅުކޮށް، ފުލުހުންނަށް ތައުރީފު ކުރަމުންނެވެ.

"އަހަންނަށް ބުނާނެ އެއްޗެއް ނޭނގެ. އަހަރެން އުފާވެސް ވޭ. އެކަމަކު އަހަރެންގެ ދަރިފުޅު އެނބުރި ނާންނާނެތީ ދެރަވެސްވޭ. އަހަރެންގެ ދަރިފުޅުގެ ފުރާނައަށް މިހާރު ވަނީ ސުލްހަ ލިބިފައި. އިންސާފު ލިބިއްޖެ. އަހަރެން ހިއެއް ނުކުރަން އިންސާފު ލިބޭނެ ކަމަކަށް. އަހަރެންގެ ދަރިފުޅަށްވި ގޮތް އެހެން ކުއްޖަކަށް ވާކަށް ނޭދެން،" ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ މަންމަ ބުންޏެވެ.

އޭނާ ބުނީ، ޖިންސީ ފުރައްސާރަ އާއި ރޭޕްކުރާ މީހުންނަށް މިހާރު ދޭ އަދަބު ހަރުކަށި ކުރަންޖެހެއެވެ.

މަސްދަރު: ބީބީސީ