އިބްރާހިމް ޒަކީ
ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ގާނޫނު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ އިއްތިފާގުންނެވެ.
މިބިލު ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅިއިރު ގިނަ ބަޔަކު އެންމެބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި އޮތީ، ކައުންސިލަތުން ވަކި ކުރުމުގެ ގާނު މަޖިލީހަށް ލިބިދޭގޮތަށް ބިލުގަިއ ހިމަނާފައިވާތީއެވެ. ނަމަވެސް މިއަދު މަޖިލީހުން ބިލް ފާސްކުރީ، އިސްލާހެއް ހުށަހަޅައި އެކަން ބަދަލުކޮށް ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ލިބޭގޮތަށެވެ.
މި ގާނޫނުގައި ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުމަށް ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓްގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ ފަހެއް އިންސައްތަ ކައުންސިލް ތަކަށް ދިނުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މިއަދު މަޖިލީހުން ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މި ގާނޫނުގައި ބުނެފައިވަނީ 3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން ދެ ބޭފުޅުން ވާންޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށްވެސް ބުނެފައިވެއެވެ.
އަދި 3،000 އަށްވުރެ މީހުން ގިނަ އާބާތީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ދެބޭފުޅުން ވާންޖެހޭނީ ތިން އަންހެން ބޭފުޅުންނަށް ކަމަށްވެސް ބުނެފައިވެއެވެ.
އަދި 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަން ވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.
ގާނޫނުގައި ބުނެފައިވަނީ މި ގާނޫނުގެދަށުން އިންތިހާބުކުރާ ކައުންސިލަރުން ހުވާކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކޮށް ނިންމަން ވާނެ ކަމަށެވެ. އަދި އެހިސާބުން އޭގެ ކުރިން އޮތް އެލްޖީއޭގެ ބޯޑު އުވޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.