އިބްރާހިމް ޒަކީ
މަނީލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ދޫކޮށްލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން އިހުތިޖާޖު ކުރައްވަމުން އެބް ގެންދަވަ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ޔާމީން ދޫކޮށްލަން، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތައް ގޮވަން ފެށީ ޖަލްސާގެ ފަހު ދަންފަޅި، 1:00 ގައި ފެށުމުންނެވެ.
މިއަދުގެ އިހުތިޖާޖުގައި ރައީސް ޔާމީންގެ ފޮޓޯ ޖަހާފައިވާ ލިޔުންތަކެއް ހިފައިގެން ހަތަރު މެންބަރަކު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެއީ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ފެލިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ މެންބަރުން އިހުތިޖާޖު ކުރައްވަނީ ޖަލްސާގައި ވާހަކަ ދައްކަވާ މެންބަރުންގެ ކައިރިއަށް ވަޑައިގެން މެންބަރު ވާހަކަ ދައްކާ މައިކަށް އަޑުއިވޭ ގޮތަށެވެ.
އިހުތިޖާޖު ކުރައްވާ މެންބަރުން، ކައިރިއަށް ވަޑައިގެން އަޑުގަދަކުރައްވާތީ، ބިލަށް ވާހަކަ ދައްކަވާ މެންބަރުން ވާހަކަ ދައްކަވަމުން ގެންދަވަނީ ހެޑްފޯން އަޅުއްވައިގެންނެވެ.
މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތު ކަމުގައިވާ 1:30ގައި އެ މެންބަރުން ކުރެއްވި އިހުތިޖާޖު ވަނީ ނިންމަވައިލައްވައިފައެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވިފަހުން މަޖިލިސް ޖަލްސާ އޮންނަ ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއްގައި އެ މެންބަރުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.