ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހިންގާ ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، މިރޭ 9:22 އެހާކަންހާއިރު ކަރަށާއި އަތަށް ފުން ޒަހަމްތަކެއް ލިބިފައިވާ މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އުމުރުން 59 އަހަރުގެ އެ މީހާ ނިޔާވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމެއް ނުވަތަ މަރުވީ ފަރުވާ ދެމުންދަނިކޮށް ކަމެއް ނޭނގެއެވެ.
އެ ހާދިސާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ރީތިގަސް މަގުގައި ޒަހަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް މިރޭ 9:07 އެހާކަންހާއިރު ލިބުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭގެ 45 މިނެޓް ފަހުން އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ މަރާލާފައިވަނީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ ގުރޫޕް ހަދާފައި އައި ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.