ނަރެންދްރާ މޯދީ

ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް ހަދައި ކްރިކެޓް ސްޓޭޑިއަމެއް އަޅަން މިއަންނަނީ މަސައްކަތް ކުރަމުން: މޯދީ

ހުޅުމާލޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ހަދައި، ކްރިކެޓް ސްޓޭޑިއަމެއް އެޅުމާ ގުޅޭ މަސައްކަތްތައް ދިވެހިރާއްޖެއާ އެކު ކުރިޔަށް އެބަދާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިޔަށް ގެންދާ ހަތަރު މަޝްރޫއެއް ފައްޓަވައިދެއްވުމަށް މީގެ ކުޑައިރުކޮޅެއް ކުރީން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަތަރު މަޝްރޫއު ފެއްޓުމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިފްތިތާހުކޮށްދެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މޯދީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް އަހަރު ތަކުގައި، އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާ އޮންނަ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، ހަރުދަނާ ވެފައިވާކަން ފާހަގަކުރައްވައި މޯދީ ވަނީ އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް އައިސްފައިވާ ބަދަލު ފާހަގަކުރައްވާފަ އެވެ. އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމަށް މޯދީ ވިދާޅުވި އެވެ.

"މިދިޔަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އާއި ތަރައްގީގައި ފާހަގަކޮށްލެވޭ އަހަރެއް. އަދި ހަމަ އެހެންމެ މިދިޔަ އަހަރަކީ އިންޑިއާ-ރާއްޖެ ގުޅުމަށް ބަލާ އިރު ވެސް ފާހަގަކޮށްލެވޭ އަހަރެއް." މޯދީ ވިދާޅުވި އެވެ.

މޯދީގެ ވާހަކަފުޅުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި މިއަދު މި ފެށި ހަތަރު މަޝްރޫއާގުޅޭ ގޮތުންނާއި އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭނެ މަންފާއާގުޅޭ ގޮތުން ވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފަ އެވެ.