ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ، ކޮންޓެއިނަރު އުފުލާ ބޭރުގެ ބޯޓަކުން ދަތުރުކުރި، އެ ބޯޓުގެ ސެކަންޑް އޮފިސަރަކު ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހަހުގެ 2 ވަނަ ދުވަހު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޔޫކުރެއިނަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މީހާ ގެއްލިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 13:30 ހާއިރުކަމަށާއި އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ސްރީލަންކާގެ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ އިރު އުތުރުން 322 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ "ސާޗް އެންޑް ރެސްކިއު" ގެ މި އޮޕަރޭޝަނަކީ ލަންކާއިން އެދިގެން ކުރިޔަށްގެންދާ ޖޮއިންޓު އޮޕަރޭޝަނެއް ކަމަށެވެ.
"އާންމު އުސޫލުން ވެސް މީހުން ހޯދުމަށް އެހީތެރިކަމަށް އެދޭނެ. އޮޔާއި ވައި ހުންނަ ގޮތުން ބަލައި ދިނުމަށް އެދޭ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކަކީ ޖޮއިންޓް އޮޕަރޭޝެން ތަކެއް" އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރާއި އަދި އިރު އުތުރުގެ ރަށްތަކުންނާއި، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބައްލަވައިދެއްވުމަށާއި އަދި މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން އެދެއެވެ.